ލައިފްސްޓައިލް

ނުރަވާން މެދުވެރިވާ ސަބަބު ސައިންސްވެރިން ހޯދައިފި

ޒުވާން އުމުރުގައި އިސްތަށި ނުރަވުމުގެ މައްސަލަ މިޒަމާނުގައި ގިނަ ބަޔަކަށް ކުރިމަތިވެ އެވެ. މިއީ ވަކި ޖިންސެއްގެ ބަޔަކަށް ދިމާވާ ކަމެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އުމުރުން 30 ވަރަކަށް އަހަރު ވާއިރު ދެން އޮންނަނީ ނުރަ ޖަހާތީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. ބައެއް މީހުން ނުރަތައް ކަޅުކުރެ އެވެ. އަނެއް ބަޔަކަށް މިއީ ވަރަށް ވަރުބަލި އެހާމެ ޚަރަދު ބޮޑު ކަމަކަށް ވާތީ އެކަން ކުރާކަށް ބޭނުމެއް ނުވެ އެވެ.

ސައިންސްވެރިން މިހާރު ވަނީ ނުރަ ޖަހަން މެދުވެރިވާ ސަބަބާއި މިކަން ހުއްޓުވިދާނެ ގޮތްތަކެއް ދިރާސާކޮށް ހޯދާފަ އެވެ. ސައިންސްވެރިންގެ ހޯދުމުން ދެއްކި ގޮތުގައި ވަކި ބާވަތެއްގެ ޚާއްސަ ސްޓެމް ސެލްސްއެއްގައި އިސްތަށިތައް ނުރަވުމުން ރައްކާތެރި ކުރެވިދާނެ އަދި އިސްތަށީގެ އޮރިޖިނަލް ޕިގްމަންޓް ދެމެހެއްޓޭނެ ކުޅަދާނަކަން ވެއެވެ.

މި ހޯދުމުން ދެއްކި ގޮތުގައި އަހަރެމެންގެ އިސްތަށިތަކަށް ދުވަސްވާ ވަރަކަށް އެއް އެއްޗެތި ފައިބާ އަނެއްކާ އުފެދެމުންދާއިރު އޭގައިވާ ސްޓެމް ސެލްތައް ހެއާ ފޮލިކްލް ބާޖް ކިޔާ ކޮމްޕާޓްމަންޓެއް ފަދަ އެއްޗެއްގެ ތެރޭގައި ތާށީވެ އެވެ. އެގޮތަށް ތާށިވެފައި ހުރުމުން އޮރިޖިނަލް ލޮކޭޝަނަށް ދަތުރު ނުކުރެވެ އެވެ. އޮރިޖިނަލް ކޮމްޕާޓްމަންޓްގައި ޕިގްމެންޓް ސެލްސް އަލުން އުފެދުމުގެ ފުރުސަތު ހޯދައިދިނީ ޕްރޮޓީންސް އެވެ. އިސްތަށީގެ އަސްލު ކުލަ ހިފެހެއްޓެނީ މިގޮތަށެވެ.

އެންވައިޔޫ ގޮރޮސްމަން ސްކޫލް އޮފް މެޑީސިންގެ ރިސާޗަރުން ކުރި މި ދިރާސާގައި އޮބްޒާވްކުރީ އުމުރުން ދުވަސްވެފައިވާ މީދާތަކެއްގެ އިސްތަށިތަކެކެވެ. މި ހޯދި ހޯދުމުން އެނގުނު ގޮތުގައި މީދާ ތަކުގެ އުމުރުން ދުވަސްވާ ވަރަކަށް ސްޓެމް ސެލްތަކަށް އޭގެ އަސްލު މަގާމަށް ނުދެވި ތާށިވާލެއް އިތުރުވެ އެވެ. އަދި މިހެން ދިމާވުމުން އިސްތަށީގެ ކުލަ އޭގެ އަސްލު ކުލައިގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވެ އެވެ.

ސައިންސްވެރިން އުންމީދުކުރާ ގޮތުގައި މި އާ ހޯދުމުގެ އެހީގައި އިސްތަށިގަނޑު ނުރަ ނުވެ ގިނަ ދުވަހު ސިއްހަތު ރަނގަޅަށް ބަހައްޓާނެ ގޮތްތަކެއް ހޯދޭނެ އެވެ. އަދި މިކަމާ ގުޅޭ މުހިއްމު ސުވާލުތަކެއްގެ ޖަވާބު ލިބޭނެ އެވެ.
މި ދިރާސާގައި ފޯކަސްކޮށްގެން ބެލި މީދަލުގެ ހަމުގައިވާ ސެލްތަކަކީ އިންސާނުންގެ ހަށިގަނޑުގައިވެސް ހުންނަ ސެލްތަކެކެވެ. އެއީ މެލަނޯސައިޓް ސްޓެމް ސެލްސް އެވެ.

އިސްތަށިތައް ނުރަ ވާން ދިމާވާ ސަބަބު ދެނެގަނެވިފައިވާތީ މި ޓީމުން މިހާރު މަސައްކަތް ކުރަނީ މިކަން ހުއްޓުވަން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ދިރާސާ ކުރުމަށެވެ. އެއީ ސްޓެމް ސެލްތައް ތާށިވެފައި ތިބޭ ކޮމްޕާޓްމަންޓްގައި އެ އެއްޗެތި ތާށި ނުވެ އޭގެ އޮރިޖިނަލް މަގާމަށް ދަތުރު ކުރެވޭނެ ގޮތެއް ހޯދުމެވެ.