ލައިފްސްޓައިލް

އެއްގޮތަކަށް ވެސް ނުނިދާ 19 ދުވަހު ހުރެ ހެދި ރެކޯޑް

ނިންޖަކީ ކޮންމެ އިންސާނަކަށް ވެސް މުހިއްމު އެއްޗެކެވެ. ރަނގަޅަށް ނުނިދާނަމަ އިންސާނާގެ ސިއްހަތަށް ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އަހަރެމެންގެ ހަށިގަނޑުގެ ހަލާކުވާ ބައިތައް މަރާމާތުކޮށް ތާޒާކުރުމަށްޓަކައި ނިދި ވަރަށް މުހިއްމެވެ.

އެކަށީގެންވާ ވަރަށް ނުނިދާނަމަ އަހަރެމެންގެ ހަށިގަނޑުގެ އެކި އެކި ފަންކްޝަންތަކަށް ބުރޫ އަރައި ރަނގަޅަކަށް މަސައްކަތެއް ނުކުރާނެ އެވެ. ހަނދާން ބަލިވުމާއި މޫޑު ގޯސްވުމުގެ އިތުރުން އަހަރެމެންގެ ހަށިގަނޑުގެ އެކި މަސައްކަތްތަކަށް ވެސް މީގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

އެންމެ ގިނަވެގެން ނުނިދާ އިންސާނަކަށް ހުރެވޭނީ ކިހާ އިރަކު ހެއްޔެވެ؟ އެއްބަޔަކު ބުނަނީ ރެއަކާ ދުވާލު ވެސް ނުހުރެވޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ވަރަށް ހިތްވަރުކޮށްގެން ދެ ތިން ދުވަހު ނުނިދާ ހުރެވިދާނެ ކަމަށެވެ. ނަމަވެސް އެއްގޮތަކަށް ވެސް ނުނިދާ 19 ދުވަސް ވަންދެން މީހަކަށް ހުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟

އާނއެކެވެ. ރޮބަޓް މެކްޑޮނަލްޑް ކިޔާ މީހަކު 19 ދުވަސް ވަންދެން އެންމެ ލޮލުފިޔައެއް ވެސް ނުޖަހާ ހުރެ ރެކޯޑް މުގުރާފައި ވެއެވެ. ނަމަވެސް އެއީ މިފަހުގެ ތާރީޚެއްގައި އޭނާ ކުރި ކަމެއް ނޫނެވެ. އެއީ 1986 ވަނަ އަހަރު އޭނާ ހަދާފައިވާ ރެކޯޑެކެވެ. މި ރެކޯޑް ހެދުމަށްޓަކައި ރޮބަޓް 453 ގަޑިއިރާއި 40 މިނިޓް ނުނިދާ ހުއްޓެވެ. އަދި ގިނިސް ވޯލް ރެކޯޑްގައި އެންމެ ގިނަ ވަގުތު ހޭލާ ހުރި މީހާ ކަމަށް ރެކޯޑް ކުރވިފައިވަނީ މި މީހާ އެވެ.

ނަމަވެސް ރޮބާޓް ހެދި ރެކޯޑަށް ފަހު މި ރެކޯޑް ގިނިސް އިން މިހާރު ގަބޫލުނުކުރަން ވަނީ ނިންމާފަ އެވެ. މިހާރު މީހަކު މި ރެކޯޑް މުގުރާލަން މަސައްކަތް ކުރިޔަސް ގިނިސް އިން މި ރެކޯޑް މޮނިޓާ ކޮށެއް ނުދެ އެވެ. ސަބަބަކީ މިއީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭނެ ކަމަކަށް ވާތީ އެފަދަ ކަމަކަށް ހިތްވަރު ނުދޭން ވެގެންނެވެ. އެހެންވެ 1986 ގައި ރޮބަޓް ހެދި ރެކޯޑް އަދިވެސް އެހެން މީހަކަށް މުގުރާ ނުލެވި އޮތީ އެވެ.

ރޮބަޓްގެ ކުރިން މި ރެކޯޑް އޮތީ ރެންޑީ ގާޑްނާ އާއި ބްރޫސް މެކްއެލިސްޓާ އަށެވެ. މިއީ 17 އަހަރުގެ ދެ ދަރިވަރުން 1973 ގައި ހެދި ރެކޯޑެކެވެ. މި ދެ ދަރިވަރުން މިގޮތަށް ނުނިދާ ތިބީ ސައިންސް ޕްރޮޖެކްޓެއް ހެދުމަށެވެ. އެމީހުންނަށް ހޭލާ ތިބެވިފައިވަނީ 264 ގަޑިއިރު (11 ދުވަސް) އެވެ.

ބްރޫސް 2018ގައި ދިން އިންޓަވިއު އެއްގައި ބުނީ އެމީހުން ނުނިދާ ތިބެ ރެކޯޑް ހެދިއިރު އެކަން ކުރެވުނީ ޒުވާން ކަމުގެ ޖޯޝުގަ އެވެ. އަދި މިކަމުން ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އޭރު ވިސްނާލެވިފައެއް ނުވެ އެވެ.