ލައިފްސްޓައިލް

ކޮފީއަށް އެޑިޓްވެފައިވާތީ މީހެއްގެ ފުރާނާ ސަލާމަތްވެއްޖެ

ކޮފީ ވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް މާގިނައިން ބޮއި އެ އެއްޗަކަށް ދެވިހިފުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުބެލެވެ އެވެ. ޚާއްސަކޮށް ކޮފީ މާގިނައިން ބޯން ފަށައިފިނަމަ ނިދަން އުނދަގޫވުމާއި ގައިން ފެންމަދުވުން ފަދަ މައްސަލަތައް ދިމާވާތީ ކޮފީ ވެސް މާގިނައިން ނުބޯން ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ.

ނަމަވެސް މިފަހަރު މި ދިމާވެގެން އުޅެނީ ތަފާތު ކަމެކެވެ. ކޮފީ އަށް ދެވި ހިފާފައިވާ އަބަދު ކޮފީ ބޯ މީހެއްގެ ފުރާނަ ސަލާމަތްވުމުގައި ކޮފީ އެޑިކްޝަން އިން އެހީތެރިކަން ލިބިގެންނެވެ.

މައިކަލް އަކީ 58 އަހަރުގެ މީހެކެވެ. އޭނާއަކީ ރޭލް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. މައިކަލްގެ ގައިގައި ފުރާނައަށް ގެއްލުންވާ ވަރުގެ ނުރައްކާތެރި ބައްޔެއް ހުރިކަމަށް އޭނާއަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

މައިކަލްއަކީ އަބަދާ އަބަދު ކޮފީ ބޯން އާދަވެފައި ހުރި މީހެކެވެ. އޭނާ ދިރިއުޅެނީ ކޮފީންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ޖުލައ 2021ގައި ކުއްލިއަކަށް މައިކަލްގެ ކަރުގެ އެންމެ އެތެރެއަށް ވަރަށް ތޫނު ތަދެއް އިހްސާސް ވާން ފެށި އެވެ. މި ތަދު އޭނާއަށް އެންމެ ބޮޑަށް ވަނީ ކޮފީ ބުއިމަ އެވެ. އަދި މަގުމަތީގައި ހިނގާއިރުވެސް މާބޮޑަށް ވަރުބަލިވެ، ގައިގައި ހަކަތަ ނެތްކަމުގެ އިހްސާސް މައިކަލް އަށް ކުރެވެން ފެށި އެވެ.

މައިކަލް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ކަރަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ. އޭގެ ފަހުން 35 ސެޝަން ރޭޑިއޯތެރަޕީ އާއި ތިން ބުރެއްގެ މަތިން ކީމޯތެރަޕީ ސެޝަންތަކެއް މައިކަލް ވަނީ ނަގާފަ އެވެ. މި ވަރުގަދަ ފަރުވާތަކަށްފަހު 2022ގެ ފެބްރުއަރީގައި މައިކަލް ވަނީ ކެންސަރު ބަލިން މުޅިން ފަސޭހަވެފައިވާ މީހަކަށް ވެފަ އެވެ.

ތުރޯޓު ކެންސާ އަކީ ކަރުގެ އެތެރޭގައި އުފެދޭ ޓިއުމަރެކެވެ. މި ޓިއުމަރު ވޮއިސް ބޮކްސް ގައި ނުވަތަ ކަރުތެރޭގައި ވެސް އުފެދެ އެވެ. މި ބަލީގެ ނިޝާން ތަކުގެ ތެރޭގައި ކަންފަތުގައި ރިއްސުން، ކެއްސުން، ކަރު ސަކަރާތްވުން، ބުނެދޭން ނޭނގޭ ގޮތަކަށް ބަރުދަން ލުއިވުން، އެއްޗެތި ދިރުވަން އުނދަގޫވުން، އަޑަށް ބަދަލުއައުން، އަޑު ކުރެހިފައި ހުރުން އަދި ދައްކާ ވާހަކަ އޮޅުންފިލުވަން އުނދަގޫވުން ހިމެނެ އެވެ.