ހޮލީވުޑް

ޖަސްޓިން ބީބާއަށް ދަރިއަކު ލިބިއްޖެ

ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ އޭނާގެ އަންހެނުން ހެއިލީ ބީބާއަށް ފިރެހެން ކުއްޖަކު ލިބިއްޖެ އެވެ.

ކުއްޖަކު ލިބުނު އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޖަސްޓިން ވަނީ އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔާ، ޖެކް ބްލޫސް ބީބާގެ ގޮތުގައި ދުނިޔެއަށް ތައާރަފްކޮށްފަ އެވެ.

ދެމަރިފިންނަށް ހެޔޮ އެދުންތައް ފޮނުވަމުން މަޝްހޫރު ގިނަ ތަރިން ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ. އެގޮތުން ކައިލީ ޖެނާއާއި، ޗާލީ ޕުތްގެ އިތުރުން ކެވިން ހާޓްވެސް ވަނީ ކޮމެންޓް ކޮށްފަ އެވެ.

މަޝްހޫރު މޮޑެލް ހެއިލީ ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ބަނޑުބޮޑުކަން އިއުލާންކޮށްފަ އެވެ.

އޭނާ ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އިއުލާން ކުރިއިރު އޭނާގެ ބަނޑަށް ހަ މަސް ވެފައިވާ ކަމަށެވެ.

ހެއިލީ ބުނީ ބަނޑުބޮޑުކަން އިއުލާން ނުކޮށްވެސް ހުރެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ އުފާވެރި ހަބަރެއް އޭނާގެ ފޭނުންނާ ހިއްސާކުރަން ބޭނުންވީ ކަމަށްވެސް ބުންޏެވެ.

ޖަސްޓިންއާއި ހެއިލީ ކައިވެނިކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.