ހޮލީވުޑް

ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު ލިއަމް މަރުވެއްޖެ

މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "ވަން ޑިރެކްޝަން"ގެ ކުރީގެ މެމްބަރު ލިއަމް ޕޭން މިއަދު މަރުވެއްޖެ އެވެ.

އޭނާ މަރުވީ އާޖެންޓީނާގައި ހުންނަ ހޮޓެއްލެއްގެ ތިންވަނަ ބުރިން ވެއްޓިގެންނެވެ. އޭނާ ވެއްޓުނީ އެކްސިޑެންޓެއް ދިމާވުމުގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ލިއަމް ފެނިފައިވަނީ މަސްތުވާތަކެތި ބޭނުންކުރަމުން އައި މީހަކު އުޅޭކަމުގެ ރިޕޯޓެއް ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.

އެމަޖެންސީ މެޑިކަލް ސާވިސަސް އިން ބުނި ގޮތުގައި ލިއަމްގެ ހަށިގަނޑަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި އޯޓޮޕްސީއެއް ވެސް ހަދަން ހަމަޖެހިފައިވެ އެވެ.

ލިއަމް މަރުވިއިރު އޭނާގެ އުމުރުން 31 އެކެވެ.

އޭނާއަކީ ވަން ޑިރެކްޝަންގެ ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. ބޭންޑު އުވާލި ފަހުން އޭނާ ވަނީ އަމިއްލަ ލަވަތައް ވެސް ނެރެފަ އެވެ. އެ ލަވަތަކަށް ވެސް ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިމަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ބޭންޑުގައި އޭނާއާއެކު ކުރިން އުޅުނު ނައިލް ހޯރަންގެ އާޖެންޓީނާގައި ބޭއްވި މިއުޒިކް ޝޯއަކުން ވެސް ފެނިފަ އެވެ.