ހޮލީވުޑް

ޖޭން ފޮންޑާ މަރުގެ އިންތިޒާރުގައި

ހޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޖޭން ފޮންޑާއަށް މިހާރު ދިރިއުޅުމުގެ އެއްވެސް އުންމީދެއް ނެތެވެ. އޭނާ ބުނާ ގޮތުގައި އޭނާ މިހާރު ވަނީ "މަރަށް ތައްޔާރު"ވެފަ އެވެ.

ބަތަލާ އަދި އެކްޓިވިސްޓް ޖޭން ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ދެން ބާކީ މާގިނަ ދުވަހެއް ނެތް ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ. މިއީ ކޮންމެ އިންސާނަކުވެސް އުމުރުން ވަކި ވަރަކަށް ދުވަސްވުމުން ގަބޫލުކުރަން ޖެހޭނެ ހަގީގަތެއް ކަމަށް ޖޭން ދެކެ އެވެ.

އެންޓަޓައިންމަންޓް ޓުނައިޓް ޝޯގައި ވާހަކަ ދައްކަމުން ޖޭން ބުނި ގޮތުގައި ދެން މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަން އޭނާގެ ހިތް މިހާރު ބުނަން ފަށައިފި އެވެ. އަދި ވަރަށް ރަނގަޅު ދިރިއުޅުމެއް އުޅެވިފައިވުމާއެކު މަރަށް ތައްޔާރު ކަމަށް ސް ޖޭން ބުންޏެވެ.

"މިހެން ބުނަނީ ކޮންމެހެން އަހަރެން މަރުވާން ބޭނުންވާތީކީ ނޫން. މަރަކީ ކޮންމެވެސް ދުވަހަކުން ވާނެ އެއްޗެއް. އެ ހަގީގަތް ގަބޫލުކުރާތީ އެހެން މި ބުނަނީ،" ޖޭން ބުންޏެވެ.

ޖޭން އަށް ނޮން-ހޮޖްކިންސް ލިމްފޯމާ ކިޔާ ކެންސަރުގެ ބާވަތެއް ޖެހިފައިވާކަން އޭނާ ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިއީ ލިމްފެޓިކް ސިސްޓަމަށް ޖެހޭ ކެންސަރެކެވެ. ލިމްފެޓިކް ސިސްޓަމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައިތަކުގެ ތެރެއިން ޖަރާސީމާ ހަނގުރާމަ ކުރާ ބައެވެ.

ބަލި ޖެހުނުކަން ހާމަކުރަން ސެޕްޓެމްބަރު މަހު ސޯޝަލް މީޑީއާގައި ޖޭން ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ މިއީ ވަރަށް ފަސޭހައިން ފަރުވާ ހޯދޭ އަދި ރަނގަޅުވުމުގެ ފުރުސަތު 80 ޕަސެންޓް އޮންނަ ކެންސަރެއް ކަމަށެވެ. އަދި އިންޝުއަރެންސުން އޭނާގެ ފަރުވާ ކަވަރު ކުރެވޭތީ އާއި ދުނިޔޭގައި ތިބި އެންމެ މޮޅު ޑޮކްޓަރުންގެ ފަރުވާ ލިބޭނެ ގޮތް މެދުވެރިވެފައިވާތީ އޭނާއަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޖޭން ލިޔެފައި ވެއެވެ. އަދި ކެންސަރު ޖެހޭ ގިނަ މީހުންނަށް ނުލިބޭވަރުގެ ރަނގަޅު ފަރުވާއެއް އޭނާއަށް ލިބޭކަން އެނގުމުން ދެރަވާ ކަމަށް ވެސް ޖޭން ބުނެފައި ވެއެވެ.

ކެންސަރުގެ ފަރުވާ ހަ މަސް ދުވަހު ހޯދަން ޖެހޭ ކަމަށާއި މިހާތަނަށް ފަރުވާއަށް ހަށިގަނޑު ރަނގަޅު އިޖާބައެއް ދެމުންދާ ކަމަށްވެސް ޖޭން ބުނެފައި ވެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ މަރުގެ އިންތިޒާރުކުރާ ވާހަކަ ދެއްކި ސަބަބު ނޭނގޭ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ޖޭން ފޮންޑާ އަކީ 70ގެ އަހަރު ތަކުގައި ހޮލީވުޑްގައި ވަރަށް ވިދާލި ބަތަލާ އެކެވެ. މިހާރު އުމުރުން 84 އަހަރު ވެފައިވާ ޖޭންގެ ރަން ޒަމާނުގައި އެންމެ މޮޅު ބަތަލާގެ ކެޓަގަރީން އޮސްކާ އެވޯޑަށް ހަތް ފަހަރަކު ނޮމިނޭޓް ވެފައި ވެއެވެ. އަދި ދެ ފަހަރަކު އޮސްކާ އެވޯޑު ލިބިފައި ވެއެވެ. އެއީ ކްލޫޓު (1971) އާއި 1977ގައި ކުޅުނު "ޖޫލީ" އިންނެވެ.

އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބާބެރެއްލާ"، "ދަ ޗައިނާ ސިންޑްރޯމް" އާއި އެންމެ ފަހުން ކުޅުނު ޔޫތު އެންޑް ނެޓްފްލިކްސް ސީރީޒް "ގްރޭސް އެންޑް ފްރެންކީ" ހިމެނެ އެވެ.