ފޮރިން މިނިސްޓްރީ

ވަގުތު އޮއްވާ ވިސާ ހޯދަން އެދިއްޖެ

Jun 19, 2022

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ވިސާ ބޭނުންވާނަމަ ދުރާލައި ވަގުތު އޮއްވައި ވިސާ ހޯދުމަށް ހުށަހެޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ވިސާ ހޯދުމުގައި ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެނީ ދިވެހިންނަށް ވިސާ ބޭނުންވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި އެ ގައުމެއްގެ މިޝަނެއް ގާއިމުކުރެވިފައި ނުވާ ގައުމުތަކުގެ ވިސާ ހޯދުމުގަ އެވެ.

ވިސާ ހޯދުމަށް ހުށަހެޅުމުން އެކި ގައުމުތަކުގައި ވިސާ ދޫކުރާ މުއްދަތާއި އަމަލުކުރާ ގޮތް އަދި ވިސާ ހޯދަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައްވެސް އެކި ގައުމުތަކުގައި ތަފާތުވާތީ އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށަހެޅުމަށްވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެ އެވެ.

ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް މިހާރު 88 ގައުމަކަށް ދަތުރުކުރެވެ އެވެ. ވިސާގެ ލުއި ހޯދުމަށް އިތުރު 17 ގައުމަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ހޯދުމަށް ވަކި އުސޫލުތަކެއް ހަމަޖެހިފައިވީ ނަމަވެސް ފަހަކަށް އައިސް ވިސާ ހޯދުމަށް ހުށަހަޅާއިރު ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ހުށަހެޅުންތައް ލިބޭ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ތާރީހް އަވަސްކޮށްދިނުމަށް ބައެއް ފަރާތްތަކުން އެދޭ ކަމަށާއި އެގޮތަށް އަމަލުކުރުމުން ފުރަން ބޭނުންވާ ތާރީހަށް ވިސާ ނުލިބޭ ހާލަތު ތަކުރާރުވަމުންދާ ކަމަށެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ގިނަ އެމްބަސީތަކެއް ސްރީލަންކާގައި ހުރި ނަމަވެސް އެ ގައުމަށް މިވަގުތު ދިމާވެފައިވާ އިގްތިސޯދީ މައްސަލަތަކާ ގުޅިގެން ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ލަންކާގައި ހުންނަ އެމްބަސީ އަކުން ހޯދަންޖެހޭ ވިސާއެއް ހޯދާނަމަ ދުރާލާ ވިސާއަށް އެދި ހުށަހެޅުމަށް ވަކިން ބޮޑަށް ސަމާލުވުމަށް ވެސް އެދިފައިވެ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ދިވެހިންނަށް ވިސާ ހޯދައިދިނުމަށް އެމިނިސްޓްރީގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށާއި ވިސާގެ ލުއި ހޯދައިދޭން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.