ކުޑަކުއްޖަކާ ބެހި އެކުއްޖާއަށް އޮރިޔާން މަންޒަރު ދެއްކި އާއިލާ މީހަކު 57 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މި މީހާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖެއްގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ނޫން އެހެން ހުރިހާ ދައުވާއެއް މީނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. ސާބިތުވި ދައުވާތަކާއި ގުޅިގެން ޖުމްލަ 57 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފަ އެވެ.
އެހެންކަމުން ކުޑަކުއްޖާއަށް އެހެން ބަޔަކު ޖިންސީ އަމަލު ހިންގާ މަންޒަރުތައް ނުވަތަ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކި މައްސަލައިގައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެކުއްޖާއަށް އޭނާ އަމިއްލައަށް ޖިންސީ އަމަލު ހިންގާ ތަން ދެއްކިކަމުގެ ކުށުގެ އަދަބެއްގެ ގޮތުން 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
މީގެ އިތުރުން އެކުއްޖާ އާއި މެދު އޭނާ ޖިންސީ އަމަލު ހިންގާފައިވާތީ ކޯޓުން ވަނީ 25 އަހަރަށް އޭނާ ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެކަމަކު އޭނާ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަހުގެ މުއްދަތައް ބަންދުގައި ހުރުމުން އެދުވަސްތައް ކެނޑުމަށްފަހު މި ދައުވާގައި އަދަބު ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ދެ މަހާއި 28 ދުވަހަށެވެ.
ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވުމުން މި މައްސަލައިގެ މައުލޫމާތު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.