ވ. ރަކީދޫގެ ގެ އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވަކީލު ބަދަލުވެފައިވާކަމަށް ބުނުމުން، މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ފުރުސަތެއްދީ، ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި އެވެ.
އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.
އޭނާއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު ބަދަލުވެފައިވާތީ، ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ފަސްކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވާކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު މިއަދުގެ އަޑުއެހުން ފެށުމާއެކު ވަނީ ވިދާޅުވެފައި އެވެ.
އާފިޔާގެ ވަކީލެއްގެ ގޮތުގައި މިއަދުގެ އަޑުއެހުމުގައި އިންނެވި ހުސްނީ މުބާރަކު ވިދާޅުވީ، މައްސަލައާގުޅޭ ލިޔުންތައް އޭނާއަށް އަދިވެސް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން ހުލާސާ ބަޔާން އިއްވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
އެކަމަށް އިއުތިރާޒު ނުކުރާކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް، ދައުލަތުން ހުލާސާ ބަޔާން މިހާރު އިއްވާފައިވާތީ، މި މައްސަލާގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ބުންޏެވެ.
އެއާއެކު ގާޒީ ސަމީރު ވަނީ، މީގެ ކުރިން އާފިޔާ އަމިއްލައަށް ހުލާސާ ބަޔާން އިއްވާފައިވާކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް، މިއީ މަރުގެ މައްސަލައަކަށްވާތީ، ވަކީލެއްގެ އެހީގައި ހުލާސާ ބަޔާން އިއްވުމަށް އާފިޔާއަށް އިތުރު ފުރުސަތެއްދޭން ގާޒީ ނިންމެވި އެވެ.
މިގޮތުން، މި މަހުގެ 24 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ތާވާލުކުރައްވާނެކަމަށް އިއުލާނުކުރައްވަމުން ގާޒީ ސަމީރު ވިދާޅުވީ، އެއީ އެކަމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.
އަދި ކޯޓުން މައްސަލަ ފަސްނުކުރާހާ ހިނދަކު، އެ ދުވަހު ހުލާސާ ބަޔާން އިއްވަންޖެހޭނެކަމަށް ގާޒީ ވަނީ އާފިޔާއަށް އަންގަވައިފަ އެވެ.
އޭގެ ފަހުން، މި މައްސަލައިގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވާނެ ކަމަށް ވެސް ގާޒީ ސަމީރު މިއަދު ވިދާޅުވި އެވެ.
މުޅި ގައުމުގެ ސަމާލުކަން އެނބުރިގެންދިއަ މައްސަލާގައި، އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަކޮށްފައިވެއެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.
ގާނޫނުލްއުގޫބާތުގެ ފަސްވަނަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި އާފިޔާގެ ކުށަށް އޮތް އަދަބަކީ މަރުގެ ދިޔަ އާއި ކައްފާރާ އެވެ. ދައުލަތުން މީގެ ކުރިން ބުނެފައިވަނީ، އާފިޔާގެ މައްޗަށް އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ މިންވަރަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލަ ދައުލަތަށް ސާބިތުކޮށް ދެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއްވެސް ޝައްކެއް މިންވަރަށް ސާބިތުވާ ކަމަށް ގާޒީއަށް ގަބޫލު ނުކުރެވޭނަމަ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ މިންވަރަށް ސާބިތުވާ ކަމަށް ގަބޫލު ކުރެވޭނަމަ ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެސް އޮންނާނެ ކަމަށް ދައުލަތުން ވަނީ ބުނެފައި އެވެ.
ތައުޒީރީ އަދަބުގެ ގޮތުގައި އާންމުކޮށް ދެނީ ޖަލު ހުކުމެވެ. މި ކުށަށް އޮންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.