ހަބަރު

އިބްތިހާލް މަރާލުމުގެ ކުށް ސާބިތުވެ، އާފިޔާ 20 އަހަރަށް ޖަލަށް

ވ. ރަކީދޫގެ ގެ އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.

އާފިޔާ މުހައްމަދު މަނިކުގެ ނަފްސާނީ ހާލަތަށް ރިއާއަތްކޮށް، އޭނާ ޝަރީއަތުގައިވެފައިވާ އިއުތިރާފަށް ބަލައި، ކުށް ސާބިތުވާކަމަށް ކަނޑައެޅޭނެކަމަށް ގަބޫލުނުކުރެވޭކަމަށް ދިފާއީ ވަކީލު މީގެ ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިއުތިރާފު ގަބޫލުނުކުރެވޭނެ ކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހުރަހެއްނެތް ކަމަށެވެ.

މުޅި ގައުމުގެ ސަމާލުކަން އެނބުރިގެންދިއަ މައްސަލާގައި، އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. އައިޝަތު އަލީ ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަކޮށްފައިވެއެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.

ސައިކޮލޮޖިކަލް ރިޕޯޓުތަކަށް އިޝާރާތް ކުރައްވައި، ގާޒީ ސަމީރު ވިދާޅުވީ އެ ޓެސްޓުތައް ހެދުމުގެ ތެރޭގައި ވެސް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާތަކުގައި، ރުޅި ކޮންޓްރޯލް ނުކުރެވިގެން އިބްތިހާލް މަރާލުމުގެ ނިޔަތުގައި އޭނާއަށް އެކި ފަހަރުމަތިން ތަޅައި، އަނިޔާކޮށްފައިވާކަމަށް އާފިޔާ އިއުތިރާފުވެފައިވާ ކަމަށެވެ.

އަދި އެ ހާދިސާ ހިނގި ދުވަހު، އިބްތިހާލަށް އަނިޔާކޮށް، ކަރުގާ ހިފައި ނޭވާ ހާސްކޮށްފައިވަނީ އިބްތިހާލް މަރާލަންކަމަށްވެސް އާފިޔާ ތަކުރާރުކޮށް ބުނެފައިވާކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

އިބްތިހާލު މަރުވެފައިވަނީ އެ ދުވަހު އާފިޔާ ދިންކަމަށް އިއުތިރާފުވެފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުތަކަށް އެނގެން އޮތް އިރު، ހަމަބުއްދި ފިލައިގެންދާ ފަދަ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ކަނޑައަޅާފައިވާއިރު، ޝަރުއީ ހަމަތަކުންބަލާއިރު، ޝަރީއަތުގެ މަޖިލީހުގައިވެސް އާފިޔާވެފައިވާ އިއުތިރާފުތަކަކީ ރުޖޫއަ ވެވިދާނެ އިއުތިރާފުތަކެއް ނޫން ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އާފިޔާއަށް ޅަ އުމުރުން ފެށިގެން އޭނާގެ މަންމަ އާއި ދޮންބައްޕަގެ އިތުރުން އިތުބާރުހިފޭ އާއިލާގެ އެކި މެންބަރުންގެ ކިބައިން ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލުތައް ހިންގުވައި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން އިންސާފު ލިބިފައި ނުވާ ކަން ވެސް ޝަރީއަތުގައި ފާހަގަކޮށްފައިވެ އެވެ.

އަދި އެ ކަންކަމަށް އިންސާފު ނުލިބި އޮށްވައި އާފިޔާ ވެސް ކުށުގެ ވެށީގެ ތެރެއަށް ވަދެ އޭނާ ކުރި އަނިޔާތަކުގެ ސަބަބުން އަމިއްލަ ދަރިފުޅު އިބްތިހާލް މަރުވެގެން ދިޔަ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ނަމަވެސް، އާފިޔާއަށް ކުރިން ލިބުނު އަނިޔާތަކަކީ އޭނާގެ ދަރިފުޅަށް އިންސާފު ލިބެންނުޖެހޭ ސަބަބެއް ނޫންކަމަށް ގާޒީ ސަމީރު ވަނީ ވިދާޅުވެފައި އެވެ.

އިއުތިރާފުގެ އިތުރުން، އިބްތިހާލް މަރުވެފައިވަނީ އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުންކަމަށް ބާރު ލިބޭ ހެކިތަކާއި ޑޮކްޓަރުންގެ ރިޕޯޓުތައް ފަދަ ގާރީނާތަކުގެ މައްޗަށް ބަލައި، ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އާފިޔާގެ މައްޗަށް ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފަ އެވެ.

ނަމަވެސް، އިސްލާމީ ޝަރީއަތުގައި ގިސާސް ހިފޭނެ ޝަރުތުތައް ފުރިހަމަނުވާތީ، މި މައްސަލާގައި މަރަށް މަރު ހިފެންނެތްކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ސަބަބެއްކަމަށް ގާޒީ ވިދާޅުވީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުހިފޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށެވެ.

އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށްވާތީ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ޝަރީއަތުން ދިން ފުރުސަތުގައި ދައުލަތުން އެދުނީ، ޝަރީއަތުގައި އިއުތިރާފުން ރުޖޫއަވެފައިވާތީ، ކުށަށް ކަނޑައެޅިފައިވާ އަދަބު ހަތަރު ދަރަޖަ މަތިކޮށް، އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ.

އެއީ ކުޑަކުއްޖަކަށް އަނިޔާ ލިބުމާއި ކުށުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވުމާއި ފަރުވާލެއް ނެތި އަދި އަނިޔާވެރިކަން ދެއްކުމާއި އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި އެ އަމަލު ހިންގާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އާފިޔާއަށް ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވީ ހުކުމާ ހަމައަށް ވާސިލްވެވިފައިވަނީ އާފިޔާގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އަދަބުގެ ދަރަޖަ ދަށް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް އެކަަމަށް ދެކޮޅު ހަދަމުން ދައުލަތުން ބުނީ އާފިޔާ އިއުތިރާފްވުމަށްފަހު އޭގެ ފަހުން އެކަމަށް އިންކާރުކޮށް، އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާތީ އަދަބު ލުއި ކުރަން ނުޖެހޭނެ ކަމަށެވެ.

ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާއަތް ކުރައްވައި، ގާޒީ ސަމީރު ވިދާޅުވީ ދައުލަތުން ބުނި ގޮތަށް، އިއުތިރާފުން އާފިޔާ ރުޖޫއަވެފައިވާތީ، އަދަބުގެ ދަރަޖަ ދަށް ކުރެވޭނެ ހަމައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން، 20 އަހަރަށް އާފިޔާ ޖަލަށްލުމަށް ހުކުމް ކުރުމާ އެކު ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން އާފިޔާއަށް އަންގާ ކަމަށް ގާޒީ ސަމީރު އިއްވެވި ހުކުމުގައިވެ އެވެ.