ވ. ރަކީދޫގެ ގެ އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ނަފްސާނީ ހާލަތަށް ރިއާއަތްކޮށް، އޭނާ ޝަރީއަތުގައިވެފައިވާ އިއުތިރާފަށް ބަލައި، ކުށް ސާބިތުވާކަމަށް ކަނޑައެޅޭނެކަމަށް ގަބޫލުނުކުރެވޭކަމަށް ދިފާއީ ވަކީލު މިއަދު ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފި އެވެ.
އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.
އޭނާއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު ބަދަލުވެފައިވާތީ، ހުލާސާ ބަޔާން އިއްވުމަށް އިތުރު ފުރުސަތެއް ދީފައިވާއިރު، އާފިޔާގެ ވަކީލެއްގެ ގޮތުގައި ހުސްނީ މުބާރަކު ވަނީ މިއަދުގެ އަޑުއެހުން ފެށުމާއެކު އާފިޔާއަށް ދައުވާކުރަނީ ކޮން ގާނޫނެއްގެ ދަށުން ބަޔާންކޮށްފައިނުވާތީ އެކަން ސާފުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައި އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކުގައި، ވަކި ގާނޫނެއްގެ ދަށުން ދައުވާކުރުން ލާޒިމުނުވާ ކަމަށެވެ.
ދައުލަތުން އެކަން ސާފުކޮށްދިނުމާއެކު، މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ ދިފާއުން މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް އަންގަވައިފަ އެވެ.
ހުލާސާ ބަޔާނުގައި ހުސްނީ ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތަކުގައި، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުވާ ސާބިތުކޮށްދެވިގެންމެނުވީ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ.
މިގޮތުން، މި މައްސަލާގައި އާފިޔާ ވެފައިވާ އިއުތިރާފުތަކަށް އަލިއަޅުވާލައްވަމުން ދިފާއީ ވަކީލު ވިދާޅުވީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އާފިޔާ ކުށަށް އިއުތިރާފުވެފައިވަނީ، ދައުވާކޮށްފައިވާ މައްސަލަ ހިނގިތާ ދެ ދުވަސް ފަހުން ކަމަށެވެ.
މުޅި ގައުމުގެ ސަމާލުކަން އެނބުރިގެންދިއަ މައްސަލާގައި، އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. އައިޝަތު އަލީ ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަކޮށްފައިވެއެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.
ޑރ. ނާޒްގެ އެކްސްޕަޓް އޮޕީނިއަންއަށް ހަވާލާދެއްވައި، ހުސްނީ ވިދާޅުވީ އާފިޔާގެ ޑިޕްރެޝަން އަދި އެންޒައިޓީ އެންމެ މަތީ ލެވެލްގައި ހުރިއިރު، އެ ހާދިސާގެ ދެ ދުވަސް ފަހުން ވެފައިވާ އިއުތިރާފެއްގެ ދަށުން ދައްކާފައިވާ ވާހަކައަކީ ބުރަދަނެއް ދެވިދާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އާފިޔާ ދެން ކުށަށް އިއުތިރާފުވެފައިވަނީ، އެ މައްސަލާގައި ފުލުހުންގެ ކުރި ތަހުގީގުގައި 2015 ގެ މާޗު މަހު ކަމަށާއި، ނަމަވެސް، ޝަރީއަތުގައި ނޫން ތަނެއްގައި ވެވޭ އިއުތިރާފަކީ ޝަރީއަތަށް ބަލައިގަނެވޭނެ އިއުތިރާފެއް ނޫން ކަން ހުސްނީ ފާހަގަކުރެއްވި އެވެ.
އެ އަހަރުގެ އޯގަސްޓު މަހު، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގައި ދައުވާ އިއްވުމުން، ދައުވާތަކަށް އާފިޔާ އިއުތިރާފުވެފައިވީ ނަމަވެސް، އެ ދުވަހު އާ ހެކިތަކެއް ލިބިފައިވާކަމަށް ދައުލަތުން ބުނެ، އެ ހެކިތަކުގެ އަލީގައި ދައުވާއަށް ބަދަލުއަތުވެދާނެކަމަށް ދައުލަތުންވެސް އެ ދުވަހު ބުނެފައިވާއިރު، ދައުލަތުން އުފުލާ ދައުވާ ސާފުނުވާ ހާލަތުގައި، ދައުވާއަށް ވެވިފައިވާ އިއުތިރާފެއްވެސް ބަލައިގަނެވޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން، ޖަލުގައި ބަންދުކޮށްފައިވާ ހުރި އާފިޔާ ކުށަށް އިއުތިރާފުވުމަށް ޖަލުގެ ބައެއް އޮފިސަރުން ބިރު ދައްކާވާފައިވާކަމަށް އާފިޔާ ބުނެފައިވާއިރު، އެއީ ނުހިނގާކަމެއް ކަމަށް ދައުލަތުން ސާބިތުކޮށް ދެވިފައިވާނުވާކަމަށް ވެސް ހުސްނީ ފާހަގަކުރެއްވި އެވެ.
އެފަދަ ހާލަތެއްގައި، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުވާ ސާބިތުކުރުމަށް ހެކިންގެ ހެކިބަސް ބޭނުންވާއިރު، އެ އަމަލުތައް ހިންގަނިކޮށް ނުވަތަ އިބްތިހާލަށް އަނިޔާކުރަނިކޮށް ފެނުނު ހެއްކެއް ދައުލަތަށް ހުށަހެޅިފައިވާ ނުވާ ކަމަށެވެ.
ހެކިންގެ ހެކި ބަހުން ހަމައެކަނި އެނގެން އޮތީ ދަރިފުޅަށް އާފިޔާ އިހުމާލުވެފައިވާ ކަން ކަމަށާއި، އާފިޔާ ކުރި ކަމެއްގެ ސަބަބުން ގަސްތު މަރު ސާބިތުކުރެވޭ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
އަދި ދަރިފުޅަށް އަނިޔާކުރީ ގަސްތުގައި މަރާލުމުގެ ނިޔަތުގައިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަން ވެސް ހުސްނީ އިތުރަށް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެ ހާދިސާގެ ކުރިން އާފިޔާ އަށް ވެސް އެކި ގޮތްގޮތުން އަނިޔާތަކެއް ލިބިފައިވާ ކަން ފާހަގަކޮށް، ހުސްނީ ވިދާޅުވީ އާފިޔާ އަށް ރައްކާތެރިކަން ދިނުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށާއި، އާފިޔާ އަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، އެ ހުރިހާ ނުކުތާތަކަށް ރިއާއަތްކޮށް ހުސްނީ އެދިވަޑައިގަތީ މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް އިއްވައި ދިނުމަށެވެ.
އެއާއެކު، އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި އިއުލާނުކުރެއްވި ފަދައިން، އިތުރު ކަމެއް ދިމާނުވާހާ ހިނދަކު، މި މައްސަލައިގެ ހުކުމް އަންނަ ހޯމަ ދުވަހު އިއްވާނެކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.
އާފިޔާއަކީ 2015 ވަނަ އަހަރުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކަށްވާއިރު، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހައި ކޯޓުން ދާދި ފަހުން ކުރި ހުކުމްތަކުގެ ދަށުން ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހޭތީ އާފިޔާގެ ބަންދު ވެސް މުރާޖައާ ކުރަން ދައުލަތުން ވަނީ މިއަދު އެދިފައި އެވެ.
ދައުލަތުން ބުނީ އާފިޔާ އަށް ތުހުމަތު ކުރެވެނީ މަރުގެ މައްސަލައެއްގެ ތުހުމަތު ކަމަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، މަރުގެ މައްސަލަތަކުގައި ކަފާލާތު ވެސް ނުލިބޭއިރު، ދައުލަތުން އެދުނީ އާފިޔާގެ ބަންދު އަދިވެސް ދަމަހައްޓައި ދިނުމަށެވެ.
ދިފާއުން ބުނީ ހުކުމެއް ނެތި އާފިިޔާ ބަންދުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށެވެ. ނަމަވެސް، އާފިޔާގެ ބަންދަށް ލުޔެއް ދޭން ވަކީލު އެދިވަޑައެއް ނުގަންނަވަ އެވެ. އެދިވަޑައިގަތީ ޝަރީއަތަށް ފެންނަ ގޮތަކަށް ބަންދާ މެދު ގޮތެއް ނިންމުމަށާއި އެކަމަކު އެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށެވެ.
ގާޒީ ސަމީރު ނިންމެވީ މައްސަލައިގެ ބާވަތުން އާފިޔާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށާއި އެހެންވެ، އޭނާގެ ބަންދު އަދިވެސް ދެމެހެއްޓުމަށެވެ.