ޑީޖޭއޭ

ރައްކާތެރިކަމުގެ އަމުރަކާ މެދު 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ

ޖިންސީ ކުށަކާއި ގުޅިގެން ރައްކާތެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިފި ނަމަ އެ ހުށަހެޅުން ހުށަހެޅުނުތާ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ އަމުރާ މެދު ކޯޓުން ގޮތެއް ނިންމަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު "ޖިންސީ ކުށުގެ މައްސަލަތަކާ ގުޅޭ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު" ގައި ވަނީ ޖިންސީ ކުށުގެ މައްސަލަތައް ބެލުމުގައި ޝަރީއަތުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފަ އެވެ. ރައްކާތެރިކަމުގެ އަމުރެއް އިސްތިއުނާފުކުރުމަށް ހުށަހަޅައިފި ނަމަ މައްސަލަ ރަޖިސްޓްރީ ވި ތާރީހުން ފެށިގެން 10 ދުވަސް ތެރޭގައި ކޯޓުން އެ މައްސަލައަކާއި މެދު ގޮތް ކަނޑައަޅަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ޖިންސީ ކުށުގެ ގާނޫނު ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ ރަޖިސްޓްރީވާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލާގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެ އެވެ. މީގެ އިތުރުން މިފަދަ ހުކުމެއް އިސްތިއުނާފު ކުރުމަށް އެދި މައްސަލަ ހުށަހަޅައިފި ނަމަ ރަޖިސްޓްރީވާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

މި ގަވައިދުތަކުގެ ތެރޭގައި ހެކި ބަސް ނެގުމުގެ އިތުރުން ބަދަލު ހޯދުމަށް އެދި ކުރާ ދައުވާތަކުގައި އަމަލުކުރަން ޖެހޭނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.

ހެކި ބަސް ނެގުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް

ކުށުގެ ޝިކާރައަކަށް ވީ މީހާގެ ހެކި ބަސް ނެގުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާއާއި ޝިކާރައަށް ވީ މީހާ އެއްތާކު ބޭތިއްބުމުގެ ބަދަލުގައި ދެމީހުން ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަން ވާނެ ކަމަށް މި ގަވާއިދުގައިވެ އެވެ. ކުށުގެ ޝިކާރައަކަށް ވީ މީހާއަށް ތުހުމަތު ކުރެވޭ މީހާ ނުފެންނަ ގޮތައް ޝަރީއަތް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މި ގަވާއިދުން ކޯޓަށް ދީފައިވެ އެވެ.

މީގެ އިތުރުން ކުށުގެ ޝިކާރައަކަށް ވީ މީހާއާއި ސުވާލުކުރާއިރު އެއްކަމަކާއި ގުޅިގެން ތަކުރާރުކޮށް ސުވާލު ނުކުރުމަށާއި، އިހްތިރާމާއި އެކު ސުވާލުކުރުމަށް ތުހުމަތު ކުރެވޭ މީހާގެ ވަކީލު ސަމާލުވާންޖެހޭނެ ކަމަށާއި، ޖިންސީ ކުށުގެ ޝިކާރައަށްވާ މީހާގެ ތަފުސީލު ހާމަކުރުމަކީ ހުއްދަ ކަމެއް ނޫންކަމުގައި ވެސް މި ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ނަފްސާނީ ނުވަތަ ޖިސްމާނީ ގޮތުން ނުކުޅަދުންތެރިކަން ހުންނަ މީހެއްގެ ހެކި ބަސް ނެގޭނީ އެ މީހަކު ބުނާ އެއްޗެއް ތަރުޖަމާ ކޮށްދެވޭނެ ގާބިލުކަން ހުރި މީހަކާއި އިޖުތިމާއީ ހިދުމަތް ދޭ މުއައްޒަފެއްގެ ހާޒިރުގައި ކަމަށް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ހެކި ބަސް ދޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ ހެކިބަސް ނަގަން ޖެހޭނީ ޝަރީއަތުގެ ބޭރުން، އެ ކުއްޖާ އިތުބާރު ކުރެވޭ މީހެއްގެ ހާޒިރުގައި ވީޑިއޯ ނުވަތަ އޯޑިއޯ އިންޓަވިއުއެއްގެ ޒަރިއްޔާއިން ކަމަށާއި އެ ހެކިބަސް، މައްސަލައިގެ ހުރިހާ ހަސްމުންގެ ހާޒިރުގައި ކޯޓުގައި އިއްވަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

މިފަދަ ގަވައިދެއް އެކުލަވައިލުމުގެ މަގުސަދަކީ ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތަށް އެފަދަ ކުށްތައް ޝަރީއަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ތަފްސީލުކޮށް އިނގޭނެ ފަދައިން އުސޫލުތަކެއް އެކުލަވާލުން ކަމުގައި ޑީޖޭއޭ އިން ބުނެފައިވެ އެވެ.