ހައިކޯޓް

ނުކުޅެދޭ ކުއްޖަކު ރޭޕްކުރި މީހާގެ ހުކުމް ދަމަހައްޓައިފި

އުމުރުން 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާއި ޖިންސީ އަމަލު ހިންގައި އެކުއްޖާ ބަނޑުބޮޑުވި މައްސަލައެއްގައި ދަށު ކޯޓުން އިއްވި 10 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން ދަމަހައްޓައިފި އެވެ.

މި މައްސައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ފަހާތަނެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކާއި ދިވެއްސެއް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެކެވެ. އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކި ދުވަސް މަތިން "އެއްލޭ ސްޓިޗަސް" ކިޔާ އެ ފަހާތަނުގެ ހެދުން ހެޔޮވަރުކުރާ ތަނަށް ވައްދައިގެން ކަމަށް އެކުއްޖާ ކިޔައިދީފައިވެ އެވެ.

އެކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން އަންނަކަން އާއިލާއަށް އެނގުނީ ދެ މަހުގެ މައްސަރުކަންތައް ދިމާނުވާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ ބަނޑުބޮޑުކަމާއި ބަނޑަށް 19 ހަފްތާކަން އެނގުނެވެ. އޭގެ ފަހުން އެކުއްޖާއާ ސުވާލުކުރުމުން އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވެ އެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި ދިވެއްސަކަށެވެ. އޭގެތެރެއިން މައްސަލަ ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ދެ ބަންގްލަދޭޝް މީހުންނަށެވެ. 2019 ވަނަ އަހަރު އެމީހުން 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. މި މައްސަލައިގައި ދައުވާ އުފުލި ހ. ރެދަން، އަބްދުއްރަހީމް ގާސިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.

ކުށް ސާވިތުވި ދެ މީހުންގެ ތެރެއިން ޝެޕޮން ދަލި ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިއްޔެ މި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު، ހުކުމުގައި ބަޔާންކޮށްފައި ވަނީ އަނިޔާ ލިބޭ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އެންމެ ބާރުހުރި ހެކި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި މައްސަލަ ސާބިތުކުރަން ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހެކި ނެތް ނަމަވެސް، ލިބިފައިވާ ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ކުށް ސާބިތުވާ ކުރެވޭނަމަ އެގޮތަށް އަމަލު ކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ 51 ވަނަ ބާއްދާގެ (އ) އިން އެނގޭ ކަމަށެވެ.

މި މައްސަލައިގައި އެކުއްޖާ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވަނީ ހާދިސާ ހިނގިތާ ދެ މަސް ފަހުންނެވެ. އެކަމަކު އެކުއްޖާގެ ނަފްސާނީ ހާލަތު ބެލި ޑޮކްޓަރުންގެ ބަހުން ވެސް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ހާދިސާ އާއިލާއަށާއި އަދި ތަހުގީގަށް ވެސް ކިޔައިދީފައިވާ ކަމަށެވެ.

ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުން ކިޔައިދިނުމަކީ އެކުއްޖާގެ ބަސް ގަބޫލުނުކޮށް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

"އޭގެ އިތުރުން، ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ވެސް ފާހަގަކޮށްފައިވެ އެވެ." ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މައްސަލަ ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން ބިދޭސީ މީހާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ރަގަޅަށް ނިންމާފައިވާ ހުކުމެއް ކަމަށެވެ.

މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.