މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި 2018 ވަނަ އަހަރު ވަނަ އަހަރު އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ދައުވާ އުފުލި ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން) މައްޗަށް ކުށް ސާބިތުވެ 15 ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ނިންމައިފި އެވެ.
އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ފާއިޒު އެ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައި ވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް ދިޔަ ރެއެއްގަ އެވެ. އަނިޔާ ލިބުނު އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.
ކްރިމިނަލް ކޯޓުގައި ފާއިޒު ވަނީ ގަދަކަމުން އަންހެން ކުއްޖާ އާއިއެކީ ޖިންސީ އަމަލު ހިންގި ކަމަށް އިންކާރު ކޮށްފަ އެވެ. އަދި އެކަން ކުރީ އަންހެން ކުއްޖާގެ ރުހުމުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަހެން ކުއްޖާ އެކަމަށް ދެކޮޅު ހަދަމުން ބުނެފައި ވަނީ ފާއިޒް އޭނާ ރޭޕްކުރީ ކަމަށެވެ. ކްރިމިނަލް ކޯޓުން ވެސް އޭރު ނިންމާފައި ވަނީ އެކަން ދެ މީހުންގެ ރުހުމުގައި ކުރިކަމަށް ސާބިތުނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރުމުން އެ މައްސަލަ ވަނީ ފާއިޒްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ފާއިޒުގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ މި މައްސަލައިގައި ދަށު ކޯޓުން މައްސަލަ ނިންމުމުގައި ހެކި ވަޒަންކޮށްފައި ވަނީ އަނިޔާލިބުނު އަންހެން ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދީފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާއަށް ބަލައިލުމުން އަނިޔާ ލިބޭ މީހާ އެކި މީހުންނަށް ކިޔައިދީފައިވާ ވާހަކަތަކަށް ބުރަދަން ދެވޭނެ ކަމަށް އެނގެން އޮތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ޖެނުއަރީ 5، 2018 ގައި މީޑިއާއިން ސަމާލު ކަމަށް ގެނައި މި ހާދިސާއާ ގުޅޭގޮތުން އަނިޔާ ލިބުނު އަންހެން މީހާ އަވަސްއާ ވާހަކަދައްކަމުން ކުރިން ބުނެފައި ވަނީ އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފަ ކަމަށް ކުއްޖާ ކިޔައިދިނެވެ.
ދެހާސް އަށާރަ ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ 8:00 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ރޭޕްގެ ވާހަކަ ސިއްރުކުރުމަށް 16،000ރ. ދޭނެ ކަމަށް ފާއިޒު ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އެ ފައިސާގައި އޭނާ ހިފާފައި ނުވާ ކަމަށާއި އެ ސްޓޫޑިއޯއިން ނުކުމެވުނީ އެރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އޭރު ރޮއެ ރޮއެ ހަލާކުވެފައިވާ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އަސަރާ އެކު އެ ވާހަކަ ކިޔައި ދެމުން އޭނާ ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލްގެ ޓެސްޓްތައް ހެދުމަށްފަހު އަންހެން ކުއްޖާގެ ބަޔާން ފުލުހުން ނަގާފައިވެ އެވެ. އެ އަންހެން ކުއްޖާ ބުނި ގޮތުގައި އެ ރޭ ފަތިހު 6:30 ވަންދެން ފުލުހުންނަށް އެ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިނުމުގައި ޕޮލިސް ސްޓޭޝަންގައި ހޭދަކުރި އެވެ. އަދި ފުލުހުންގެ ވެހިކަލްގައި ގޮސް، އެ ހާދިސާ ހިނގި ސަރަހައްދު ވެސް ފުލުހުންނަށް ދައްކާފައިވެ އެވެ.