މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކެޕްޓަން ރިޓަޔާޑް އަލީ އިހްސާން ވަކިވެވަޑައިގެންފި އެވެ.
އިހްސާން އެމްއެންޕީން ވަކިވެވަޑައިގެންފައިވީ ނަމަވެސް އެގޮތަށް ނިންމެވި ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
އިހްސާން އެމްއެންޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ ޕާޓީގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަކީ އިހްސާންގެ ގާތް ރަހްމަތްތެރިންނެވެ.
އެމްއެންޕީއާ ގުޅިވަޑައިގަތުމަށްފަހު އިހްސާން އޭރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޕާޓީއާ ގުޅިވަޑައިގަތީ ގައުމުގެ ހައްގުގައި މިހާރަށް ވުރެ ފުޅާކޮށް މަސައްކަތް ކުރެއްވުމުގެ އުއްމީދުގައި ކަމަށެވެ. އެމްއެންޕީގައި ޒުވާނުންނަށް ފުރުސަތުތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
އިހްސާން އެމްއެންޕީ އަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގައި 10 މަސް ދުވަސް ހޭދަކުރެއްވި ނަމަވެސް އެމްއެންޕީގެ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެ އެވެ. އިހްސާންގެ އުފަން ރަށް -- ސ. ފޭދޫގައި އެމްއެންޕީގެ އޮފީހެއް ހުޅުވުމަށް މީގެކުރިން އެ ރަށުގައި ބޭއްވި ހަރަކާތުގައި ވެސް އިހްސާން ފެނިފައެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އަސްކަރީ ތަމްރީން ފުރިހަމަކޮށްފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ އިހްސާން އަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)ގެ ދަރިކަލެކެވެ.