އިސްލާމިކް މިނިސްޓްރީ

ސައުދީ ސަރުކާރުން ދިވެހި އިލްމުވެރިންނަށް ހާއްސަ ޕްރޮގްރާމެއް

Jun 25, 2022

ސައުދީ އަރަބިއްޔާ އިން މިސަރަގައްދުގައި ގާއިމުކޮށްވެފައިވާ ސައުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން "ދައުރާ"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑުގެ މައުލޫއަކީ "އިންސާނީ މުޖުތަމައުގައި ސިލްމާ، ސަލާމަތާއި އަމާންކަން ގާއިމުކުރުމުގައި ކީރިތި ރަސޫލާ ގެންގުޅުއްވި ގޮތް" އެވެ.

ދައުރާ ޕްރޮގްރާމްގައި ބައިވެރިވީ ދިވެހިރާއްޖާގެ އިލްމުވެރިންނާއި، ޚަތީބުންނާއި އިމާމުން އަދި ދާއީންނެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އިސްލާމްދީން ފެށިގެން އައި އިރު ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އުންމަތް ވަނިކޮށް، އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވީ ކީރިތި ރަސޫލާ ކަމަށެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަންއަމާންކަން ގާއިމުވުން ކަމުގައި ވިދާޅުވި އެވެ.

"މުޖުތަމައު އަމާންކޮށް ބޭއްވުމުގައި އިލްމުވެރިންގެ ދައުރު ބޮޑު. އިލްމުވެރިންނަކީ މުޖުތަމައުގެ ގަދަރުވެރި ބައެއް. ރިވެތި ނަމޫނާ ދައްކަވަން ތިއްބެވި ބޭފުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ސައުދީ އަރަބިއްޔާއިން މިސަރަހައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއް ޝައިހް ބަދްރު ބިން ނާސިރު އަލްއިންޒީއާއި ދިވެހިރާއްޖެއަށް ސައުދި އަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު މަތްރިކް އައްދައުސަރީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.