ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލަކަށް އިއްޒުންދީން

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިޚް އިއްޒައްދީން އަދުނާން އައްޔަނުކުރައްވައިފި އެވެ.

އިއްޒުއްދީން މިމަގާމަށް އައްޔަނުކުރެއްވީ ރޭ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

އިއްޒުއްދީން އަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އިއްޒުއްދީން އެންމެ ފަހުން ފުރުއްވީ އިސްލާމިކް މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމެވެ.

އިއްޒުއްދީން މަތީ ތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް
ޔުނިވަސިޓީންނެވެ. އޭނާ މިހާރު ގެންދަވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

އިއްޒުއްދީން ވަނީ 2016 ވަނަ އަހަރު މާސްޓަ އޮފް ޝަރީއާ ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފެއްދެވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. އަދި މި އަހަރު ޖެނުއަރީ ދެވަނަ ދުވަހު ރައީސް ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހްކޮށްދެއްވާފަ އެވެ.