ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފައިސާ ނަގާ އިހުމާލުވާ އުމްރާ ގްރޫޕެއްގެ މައްސަލަ ޝަހީމް ފުލުހުންނަށް ހުށަހަޅުއްވަނީ

އުމްރާއަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނަގައި އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވި ނަމަވެސް އެއީ ކޮން ގްރޫޕެއް ކަމެއް ވިދާޅެއް ނުވެ އެވެ. އަދި އެ ގްރޫޕުން އިހުމާލުވެފައިވާ މީހުންގެ އަދަދެއްވެސް ވިދާޅެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ދެ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގާތީ އެކަމަށް ސަމާލުވުމަށް މި އަހަރުގެ ޖެނުއަރީ މަހު އެ މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

އޭގެ ތެރެއިން އެއް ގްރޫޕަކުން އިހުމާލުވި ކަމަށް ބުނެ ދާދި ފަހުން ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.