ކީރިތި ގުރުއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ގުރުއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން ފުވައްމުލަކުގައި ގުރުއާން ހިތުދަސްކުރި ހަތް ދަރިވަރަކު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވާނެ ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށް ވުރެ ގިނައިން ދަސްކުރާ ދަރިވަރުންނަށް މިއަންނަ އަހަރުން ފެށިގެން ޕޮކެޓް މަނީއެއް ދޭނެ ކަމަށްވެސް ޝަހީމް ވަނީ އިއުލާންކުރައްވާފަ އެވެ.
ގުރުއާނާ ބެހޭ މަރުކަޒަށް އާ ބިނާއެއް ބޭނުންވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ރައީސް މުއިއްޒުއާ އެކު ކުރައްވާނެ ކަމަށެވެ.
"މިދައުރުގެ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުގެ އަމިއްލަ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ކީރިތި ގުރުއާނަށް އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ގުރުއާނާ ބެހޭ މަރުކަޒަށް އެ މިނިސްޓްރީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ގުރުއާނުގެ ރޮނގުން ދަރިވަރުން ނެރެދޭ މަދަރުސާއެއް ކަމަށެވެ. މި މުބާރާތް މިހާރަށް ވުރެ ހައިބަތު ބޮޑު ވަރުގަދަ މުބާރާތަކަށް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް ފެށިގެން ދިއުމަކީ ގުރުއާނުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމެއް. މިކަމަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ޝުކުރުދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.