ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި އުމްރާވެރިންނާއި މިނިސްޓްރީ އޮފް އިސްލާމިކްގެ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީ ބުނީ ޝަހީމް ވަނީ މައްކާގައި ތިބި އުމްރާވެރިންގެ ހާލު އަހުވާލު އޮޅުންފިލުއްވާ އެމީހުންގެ ވާހަކަތައް ވަރަށް ގާތުން އަޑު އައްސަވާފައި ކަމަށެވެ. އަދި ރައީސްގެ ވައުދާ އެއްގޮތަށް ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އުމްރާވެރިންގެ އަރިހުގައި މިނިސްޓަރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖު ކޯޕަރޭޝަންގެ އިސް ބައެެއް ބޭފުޅުންވެސް ބައިވެރިވަޑައިގެންނެވި އެވެ.
ޝަހީމް ވަނީ ހައްޖުު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިދިޔަ އަންގާރަ ދުވަހު ސައުދީއަށް ވަޑައިގެންފަ އެވެ. ޝަހީމްގެ މިދަތުރުފުޅަކީ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އަދި އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސައުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާފައިވާ ދަތުރުފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މިދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށްވެސް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމަށް މަޝްވަރާވެސް ކުރާނެ ކަމަށެވެ.