ދިވެހިރާއްޖެއިން ކުރިއަށް ގެންދިޔަ ހައްޖުގެ އޮަޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް އަހަރު ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ދިވެހި ހައްޖުވެރިން މިނާގައި އެންމެންހެން ފުނިޖެހިގެން ތިބި ޓެންޓެއްގެ އެތެރޭގެ ވީޑިއޯ އާންމުވުމާ ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް އާންމުން ފާޑު ކިޔަމުންދާ ވަގުތެއް ގައެވެ.
ހައްޖު އޮޕްރޭޝަން ކާމިޔާބު ކަމަށް ވިދާޅުވެ ފުރިހަމައަށް ގެންދެވުނު ބައެއް ކަންކަމުގެ މައުލޫމާތުވެސް ޝަހީމް ހިއްސާކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މިއަހަރު ހައްޖަށް ގެންދިޔަ 1،150 ދިވެހިންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށާއި މަގު އޮޅުނު 100 އެއްހާ ހާޖީން ޑިވައިޒްއެއްގެ އެހީގައި އެމީހުން ތިބި ތަން ދެނެގަނެ އެމީހުން ހޯދުނު ކަމަށެވެ.
ޝަހީމް ވިދާޅުވީ ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ. އެގޮތުން ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ހޯދަންޖެހިފައިވާ ބައެއް މީހުންނާއި، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިއިރު އެ މީހުންނަށް އޯގާތެރިކަމާ އެކު ހިދުމަތް ދެވުނު ކަމަށެވެ.
"އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު. އަރަފާތަށް ނުވަދެވޭ އެކަކުވެސް ނެތް. ބަލި މީހުންވެސް އަރަފަރާތަށް ގެންދެވުނު. ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު،" ބަލި މީހުންނަށް ފޯރުކޮށްދެވުނު ހިދުމަތްތަކާ ގުޅޭގޮތުން ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި މިނާގެ ފޭލިގޭގައި ތާށިކަމެއް ހުރިކަން ފާހަގަވުމުން އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
"ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިތްވަރު ގަދަ އެހީތެރިންނަށް ހައްގު ޝުކުރު ރައްދުކުރަން. ހައްޖު މިޝަންއަށް ޝުކުރު ދަންނަވަން. ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް ޝުކުރު ދަންނަވަން. އަދި ހާއްސަކޮށް ބޮޑު ކައްކާ ވަހީދުބެއަށް ޝުކުރު ދަންނަވަން. ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން،" މީޑިއާއާއި އިސްލާމިކް މިނިސްޓްރީ އަދި ސައުދީ ސަރުކާރުވެސް ޝުކުރުގައި ހިނަވަމުން ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ ކަމަށެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު ކަމަަށާއި އެކަމަކުވެސް ހައްޖު އޮޕްރޭޝަން ކާމިޔާބު ކަމަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ޝަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތަންމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ ކަމަށެވެ. އިންސާނުންނަކީ އުނި ބައެއް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރި ކަމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ހާޖީއަކު ޠަބީއީ މަރަކުން މަރުވި. މައްޔިތާއަށް ރަހްމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްވެސް ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ ތަނެއްގައި އެތައް ގޮންޖެހުންތަކަކާއެކު ވެސް ހައްޖު އޮޕަރޭޝަން ކުރިއަށް ދިޔައީ ކާމިޔާބު ކަމާ އެކު ކަމަށެވެ.
"މިފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހުރިހާ ހައްޖުވެރިންނަށް މަބްރޫރް ހައްޖަކަށް އެދެން،" ޝަކީލް ވިދާޅުވި އެވެ.