ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހައްޖު ކިޔުގެ ބޭރުން ބަޔަކަށް ފުރުސަތެއް ނުދެން: ޝަހީމް

ހައްޖު ކިޔުގެ ބޭރުން އެއްވެސް ބަޔަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުން ތިއްބާ އެ މީހުންނަށް ފުރުސަތު ނުދީ ހައްޖު ކިޔުގެ ބޭރުން ބަޔަކަށް ފުރުސަތު ދީފައިވާ ކަމަށް ސޯޝަލްމީޑިއާގައި ބައެއް މީހުން ބުނަމުންދަނިކޮށެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ހާއްސަކޮށްފައި ހުންނަ ކަމަށާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެދުމުގެ ކުރިންވެސް ކަން އޮތީ އެހެން ކަމަށެވެ.

"ހައްޖު ކިޔު ފަޅާލާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައެއް ނުދެން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރަކީ މުޅިން އަލަށް ސީދާ އެއްހާސް މީހުންނަށްވުރެ ގިނަ މީހުންނަށް ހައްޖު ކިޔު އިން ޖާގަ ލިބުނު އަހަރެވެ.

"އެހެން ނޫނީ ކިޔު އިން ޖާގަ އިންނާނީ 700 އެއްހާ މީހުންނަށް،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖެއިން މި އަހަރު ޖުމްލަ 1،150 މީހުން ހައްޖަށްދާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

ރާއްޖެއިން 2022 ވަނަ އަހަރު ހައްޖަށް ދިޔައީ ޖުމްލަ 400 މީހުން ކަމަށާއި އޭގެ ކުރީ ދެ އަހަރު ކޮވިޑްގެ ސަބަބުން މީހުން ހައްޖަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ހައްޖު ކިޔު ދިގުވެފައި އެ އޮތީ ކޮވިޑްއާ ގުޅިގެން ތިން އަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުން،" ޝަހީމް ވިދާޅުވި އެވެ.

މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ ތަގު ވައްޓާލުމަކީ "ދެރަވަރު ކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނަކީ އިސްލާމީ ދުނިޔޭގެ ހައްޖު އިދާރާގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު އިދާރާއެއް ކަމަށާއި ހައްޖު ކޯޕަރޭޝަނާމެދު ދިވެހިން އުފާވާންޖެހޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކޮންމެ މީހަކުވެސް ލާރި ދެއްކުމުން ޖާގަ ކަށަވަރުވާނެ ކަމަށާއި ހައްޖަށްދެވޭ އަހަރު ކަށަވަރުވާނެ ކަމަށެވެ.

"ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވަނީ ގުރުއަތުން. އެއްވެސް މީހަކަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނޯވޭ،" އޭނާ ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ފަރުޟު ހައްޖު އަދާކުރަން ބޭނުންވާ މީހުންނަށް އިސްކަން ދޭނެ ކަމަށާއި ހައްޖު ކޮށްފައި ހުންނަ މީހަކަށް ސައުދީގައި އޮންނަ ގޮތަށް ފަސް އަހަރު ފަހުން ނޫނީ އަލުން ނުދެވޭ ގޮތަށް ހެދުމަކީ ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ.

"އެހެން ހަދަނީ ފަރުޟު ހައްޖު ކުރަން ގިނަ މީހުންނަށް ފުރުސަތު ދިނުމަށް،" ޝަހީމް ވިދާޅުވި އެވެ.