ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު: ޝަހީމް

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ އެންމެންވެސް އަރަފާތު ބިމުގައި ހެޔޮ ހާލުގައި ތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމުގައި ހުންނަވައިގެން މީޑިއާތަކަށް މިއަދު ފޮނުއްވި އޯޑިއޯ މެސެޖެއްގައި ޝަހީމް ވިދާޅުވީ އެއްވެސް ހައްޖުވެރިޔަކު ބަލި ހާލަތުގައި އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ހައްޖުގެ އިންތިޒާމުތައް ސައުދީ ސަރުކާރުން އެހެން އަހަރުތަކަށް ވުރެ ވެސް ފުރިހަމައަށް މިއަހަރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދިވެހި ހައްޖުވެރިންނާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުންވެސް ހަމަޖައްސާފައިވަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވި އެވެ.

"ހައްޖު މިޝަނުން ވެސް ވަރަށް ގާތުން މިކަންކަން ބަލަމުން އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުގެ އިރުއޮއްސުމާ ހަމައަށް ހައްޖުވެރިން އަރަފާތު ބިމުގައި ތިބުމަށްފަހު މިރޭގެ ވަގުތެއްގައި މުޒްދަލިފާއަށް ދަތުރު ފަށާނެ ކަމަށެވެ. ދިވެހި ހުރިހާ ހައްޖުވެރިން މިފަހަރު އެއް ތަނެއްގައި ތިބޭ ގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްވެސް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.