ބޮލީވުޑް

ލޯބީގެ ރޯލުތައް ކުޅޭވަރަށް ވުރެ މުސްކުޅިވެއްޖެ: ޝާހް

ބޮލީވުޑްގެ ބާދްޝާހް އަކީ އަދި ރޮމޭންސް ކިންގް އަކީ ޝާހް ރުކް ޚާން ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ޝާހްރުކްއާ އެއްފެންވަރަކަށް ރޮމެންޓިކް ރޯލުތައް ކުޅެވޭނެ އެކްޓަރެއް ނެތް ކަމަށް ވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް މިހާރު ޝާހް ރުކް ގަބޫލުކުރާ ގޮތުގައި ރޮމެންޓިކް ފިލްމުތައް ކުޅޭ ވަރަށް ވުރެ އޭނާ މާ މުސްކުޅިވެއްޖެ އެވެ.

މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހަކީ، ހިންދީ ފިލްމު އިންޑަސްޓްރީގައި ޝާހް ރުކް މަސައްކަތް ކުރާތާ 30 އަހަރު ފުރޭ ދުވަހެވެ. އެ ދުވަހާ ދިމާކޮށް އޭނާ ވަނީ އާ ފިލްމު "ޕަތާން"ގެ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އަދި ފޭނުންނާއެކު އިންސްޓަގްރާމް ލައިވް ސެޝަން އެއް ވެސް ފުރަތަމަ ފަހަރަށް ބާއްވާފައިވެ އެވެ.

މި ލައިވް ސެޝަންގައި ފޭނަކު ސުވާލުކުރީ "ރާހޫލް"ގެ ކެރެކްޓާ މަތިން ހަނދާން ނުވޭތޯ އާއި އެފަދަ ކެރެކްޓާއެއް ދެން ކުޅޭނީ ކޮން އިރަކުންތޯ އާއި މިހާރު އެ ކެރެކްޓާ ކުޅޭހިތް ނުވޭތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި ޝާހްރުކް ބުނީ "ރާހޫލް"ގެ ކެރެކްޓާ ދެން އެހެން ޒުވާން އެކްޓަރަކު ކުޅުން މާރަނގަޅުވާނެ ކަމަށް ދެކޭ ކަމަށެވެ. އެފަދަ ރޮމެންޓިކް ހީރޯ ކެރެކްޓާ ކުޅޭވަރަށް ވުރެ އޭނާ މިހާރު މާ މުސްކުޅި ކަމަށެވެ. އަދި އެއްވެސް ރޯލެއްގެ މަތިން ހަނދާން ނުނެތޭ ކަމަށާއި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ"ގެ ރާޖްގެ ކެރެކްޓާ އާއި އެހެން ގިނަ ފިލްމުތަކެއްގައި ކުޅުނު ރާހޫލްގެ ކެރެކްޓާތައް އަބަދުވެސް ހަނދާނުގައި ހުންނަ ކަމަށެވެ.

"ނަމަވެސް އަހަންނަށް ވުރެ މާ ހަގު އަންހެން ކުދިންނާއެކު ރޮމެންޓިކް ރޯލުތައް ކުޅެން އަހަރެން މިހާރު ލަދުގަނޭ،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި "ޒީރޯ"ގެ ޝޫޓިންގައި ވެސް އޭނާ ހޭދަކުރީ ވަރަށް ހަނދާން ނައްތާލަން ދަތި ހިތްހަމަޖެހޭ ވަގުތުތަކެއް ކަމަށެވެ. އަދި މިހާރު ކުޅޭހިތްވަނީ އެފަދަ ކެރެކްޓާތައް ކަމަށްވެސް ޝާހް ރުކް ބުންޏެވެ.