ލައިފްސްޓައިލް

ކަތުމަންޑޫގައި ޕާނީ ޕޫރީ ކެއުން މަނާކޮށްފި

ޕާނީ ޕޫރީ ނުވަތަ ނޭޕާލު ބަހުން ބުނާނަމަ ޕުޗްކާ އަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ މީހުން ވަރަށް މީރުވެގެން ކައި އުޅޭ މަޝްހޫރު ކެއުމެކެވެ.

ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ މީހުންނަށް ވަރަށް މަގްބޫލު މި ކާނާ މިހާރު ވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކެއުން މުޅިން މަނާ ކޮށްފަ އެވެ.

ކަތުމަންޑޫގައި ޕާނީ ޕޫރީ ކެއުން މަނާ ކުރީ އެ އަށް އަޅަން ތައްޔާރުކޮށްފައި ހުރި ފެނުން ކޮލެރާގެ ބެކްޓީރިއާ ފެނިގެންނެވެ.

އެ ރަށުގައި ކޮލެރާ ފެތުރެން ފެށިފަހުން މިހާތަނަށް 12 މީހަކަށް ވަނީ ކޮލެރާ ޖެހިފަ އެވެ. އަދި ފިނި މޫސުމުގައި ކޮލެރާ ފެތުރުމުގެ ފުރުސަތު ބޮޑުވުމާއި މިހާތަނަށް ކޮލެރާ ފެތުރިފައިވަނީ ޕާނީ ޕޫރީން ކަމަށް ވާތީ ކަތުމަންޑޫގައި ޕާނީ ޕޫރީ މަނާކުރަން ނިންމީ އެވެ.

ކޮލެރާ އާއި އެނޫންވެސް ބޭރަށް ހިންގުމުގެ ރޯގާ ތަކަކީ ނުސާފު ފެނުގެ ޒަރިއްޔާއިން ވަރަށް ފަސޭހައިން ފެތުރޭ ބަލި ތަކެވެ.

ޕާނީ ޕޫރީ އަށް އަޅަން ތައްޔާރުކޮށްފައި ހުންނަ ފެން ވެސް ގިނަ ގައުމުތަކުގައި ތައްޔާރުކުރަނީ ސާފުތާހިރު ކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އެވެ. އެހެންވެ ކަތުމަންޑޫގެ އިސް ވެރިންނަށް މިފަދަ ފިޔަވަޅެއް އަޅަން މަޖްބޫރުވީ އެވެ.