މޫސުން

އައްޑޫއާއި ބައެއް ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް

Jul 1, 2022

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދެކުނުގެ ރަށްތަކަށެވެ. ވަކިން ހާއްސަކޮށް އައްޑޫ ސިޓީގެ ރަށްތަކަށް އުދައިގެ ސަބަބުން ލިބުނު ގެއްލުން ބޮޑެވެ.

އައްޑޫއަށް އުދަ އަރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ. މޭޔަރު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށަކަށްވެސް އުދަ އަރާ ގެއްލުން ލިބިފައިވާ ކަމަށާއި ތިން ގެއެއްގެ މީހުންނަށް އުދައިގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

އައްޑޫއަށް އުދަ އެރުމުގެ ސަބަބުން އެ ސިޓީގެ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުންދާ ބްރިޖަށްވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން ބްރިޖުގެ މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތަނުގައި ބަހައްޓާފައި ހުރި ގިނަ ސާމާންތައް ވަނީ ރާޅާ އެކު އެކި ދިމާލަށް ދަމައިގެންފަ އެވެ.

އުދައިގެ ސަބަބުން ތ. އަތޮޅާއި ހުވަދު އަތޮޅުގެ ރަށްތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ތ. އަތޮޅުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކިނބިދޫ އަށެވެ. ހުވަދު އަތޮޅުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކޯޒްވޭ އަކުން ގުޅާލާފައިވާ މަޑަވެއްޔާއި ހޯޑެއްދޫ އަށެވެ.

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދަ އަރާ ގެއްލުން ލިބެމުން މިދަނީ މިއަދު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެ ބައެއް ރަށްތަކަށް އުދަރައަރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވަނިކޮށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަ ކުރަމުންދާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.