ޖޭއެސްސީ

ގާޒީ ޒުބައިރު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި

Jul 4, 2022

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޒުބައިރުގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަން އަވަސްއަށް ޔަގީންކޮށްދީފަ އެވެ.

ގާޒީ ކަމުން އިސްތިއުފާ ދެއްވުމަށް ޒުބައިރު ނިންމަވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ރަސްމީ ގަޑި ނިމުނު ފަހުން ގާޒީ ޒުބައިރުގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށެވެ. އިސްތިއުފާ ދެއްވާ ވަކި ސަބަބެއް ސިޓީގައި ބަޔާންކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން ގާޒީ ޒުބައިރުގެ ވަކި އާ ސުލޫކީ މައްސަލައެއްވެސް މިކޮޅުން މިވަގުތު ބަލަމުން ނުދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމުން ޒުބައިރު އިސްތިއުފާ ދެއްވަން ހުށަހެޅުއްވި ނަމަވެސް ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރޭގައި ވެސް ޒުބައިރު ހިމެނެ އެވެ. އެ މަގާމަށް އަދި އެއްވެސް ބޭފުޅަކު އައްޔަންކޮށްފައެއްވެސް ނުވެ އެވެ.

ކުރިން ޑްރަގު ކޯޓުގައި މަސައްކަތް ކުރެއްވި ޒުބައިރު ސިވިލް ކޯޓަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ.