މީރާ

މީރާއަށް ޖޫން މަހު 2.3 ބިލިއަން ރުފިޔާ ބަލައިގެންފި

Jul 7, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ ޖޫން މަހު ބަލައިގަނެފައިވާ 2.3 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި 81.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

މިއަހަރުގެ ޖޫން މަހު މީރާ އަށް ލިބުނު އާމްދަނީ އަކީ ޖޫން މަހު ލިބޭނެ ކަމަށް މީރާ އިން ކުރިން ލަފާ ކުރި އަދަދަށް ވުރެ 74.1 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ ޖޫން މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ ލިބުނު އާމްދަނީގެ 36.5 ޕަސަންޓް ނުވަތަ 846.6 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސް ނޫން ގޮތުގައި ނަގާ ފީ ތަކުންނެވެ. އެއީ 31.8 ޕަސަންޓް ނުވަތަ 738.4 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ 26.2 ޕަސަންޓް ނުވަތަ 607.2 މިލިއަން ރުފިޔާ އެވެ.

ޖޫން މަހު ލިބުނު ބައެއް އިތުރު އަދަދުތައް

  • ޓޫރިޒަމް ލޭންޑް ރެންޓް - 418.6 މިލިއަން ރުފިޔާ
  • ލޭންޑް ކޮންވާސަން ފީ - 154.6 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް - 52.6 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް - 70.8 މިލިއަން ރުފިޔާ
  • ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީ - 15.3 މިލިއަން ރުފިޔާ
  • ޖޫރިމަނާ - 13.2 މިލިއަން ރުފިޔާ

ނިމިގެން ދިޔަ 2021 ވަނަ އަހަރު މީރާ އަށް އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރު މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް 2020 ވަނަ އަހަރު ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 3.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް މިދިޔަ އަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި ލިބުނީ 7.5 ބިލިއަން ރުފިޔާ އެވެ.