ގޮތަބަޔާ ރާޖަޕްކަސާ

ބާރަ ޖަހައިފި، އިސްތިއުފާގެ ސިޓީއެއް ނުލިބޭ

މިއަދު - ބުދަ ދުވަހު - މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރެއްވި ނަމަވެސް ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ އިއުލާނު ކުރައްވައިފި އެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

ނަމަވެސް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވި ގޮތުގައި 12 ޖެހުމާ ހަަމައަށްވެސް ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިނުގަތެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ. ރޭ ދަންވަރުން ފެށިގެން ގޮޓަބަޔާ ހުންނެވީ ރާއްޖޭގައެވެ. ސިފައިންގެ އަސްކަރީ ރަށް -- ގިރިފުށި -- ގައި ހުންނެވި ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ. ލަންކާގެ ރައްޔިތުން ރުޅިގަދަވެފައި ވަނިކޮށް ރާއްޖެއިން ގޮޓަބަޔަ އަށް ވަގުތީ ގޮތުން ހިމާޔަތް ދިން ސަބަބާއި ގުޅޭގޮތުން ކޮމެންޓެއް ކުރަންވެސް ސަރުކާރު އޮތީ ފަސްޖެހިފައެވެ. މައުލޫމާތު ހާމަކުރުމުގައި ހަލުވި ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މައްސަލާގައި ކޮމެންޓެއް ކުރާ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ. މައުލޫމާތު ހޯދުމަށް މި ފަހުން އެންމެ އުނދަގޫ އެމްއެންޑީއެފުން އެއްވެސް އެއްޗެއް ނުބުންޏެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުގައި ގޮޓަބަޔަ ރާޖަޕަކްސަ އަށް ސިންގަޕޫރުން ހިމާޔަތްދޭން އެެއްބަސްވެއްޖެ އެވެ. އެހެން ކަމުން އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުނު ވަގުތަކުންނެވެ. ކުރީން ހަމަޖެހިފައި އޮތް ގޮތުން މިރޭ 12 ގެ ކުރީން ގޮޓަބަޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ އެވެ. ނަމަވެސް އެ ދަތުރުފުޅު މިހާރު އޮތީ ފަސްވެފައެވެ. އެހެން ކަމުން މިރެއާއި މާދަމާގެ ބައެއް އަދި ހޭދަ ކުރައްވާނީ ރާއްޖޭގައެވެ.

ރައީސް ގޮޓަބަޔަ ރާއްޖެ ވަޑައިގެންނެވުމުގެ ކުރީން އިންޑިއާއިން އެހީތެރިކަން ހޯއްދަވަންވެސް މަސައްކަތް ކުރެއްވި ކަމަށް ވެއެވެ. އަދި ރާއްޖެ ވަޑައިގަތުމުގައިވެސް އިންޑިއާގެ ދައުރެއް އޮތް ކަމަށް ބުނެވެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ތުހުމަތު ދޮގު ކޮށްފައެވެ. އަދި އިންޑިއާ އޮތީ ލަންކާގެ ރައްޔިތުންނާއެކު އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ މަސްލަހަތު ހިމާޔަތް ކުރުމުގައި ކަމަށް ބުންޏެވެ.

ގޮޓަބަޔާ ޔޫއޭއީންވެސް ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިއްޔެގެ ވަގުތެއްގައި ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުންވެސް ލަންކާއިން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރިއެވެ. އެ މަގަށް ހުރަސް އެޅީ އިދާރާތަކުގެ މުވައްޒިފުން ކަމަށް ބުންޏެވެ.

ގައުމު ދޫކުރައްވާ ވަޑައިގަތުމުން ވަގުތީ ރައީސެއްގެ ގޮތުގައި ރައީސްގެ ހުރިހާ ބާރުތަކެއް ބޮޑުވަޒީރު ރަނިލްއާ ވަނީ ހަވާލު ކުރައްވާފައެވެ. އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. މި އިއުލާނާއެކުވެސް ލަންކާގެ ހަލަބޮލި ހަމަނުޖެހުން ބޮޑު މަސްރަހު އިތުރަށް ގޯސްވީ އެވެ. ލަންކާގެ ގިނަ ރައްޔިތުންގެ ވިސްނުމުގައި ރައީސް ގޮޓަބަޔަގެ އިތުރުން ބޮޑުވަޒީރު ރަނިލްވެސް މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. ހާލަތުގެ ބޭނުން ހިއްޕަވާ މަގާމަށް ވަޑައިގެންނެވި ނަމަވެސް ރަނިލް އަކީ ލަންކާ އޮތް ހާލަތު ރަނގަޅު ކުރެއްވޭނެ ލީޑަރެއް ކަމަކަށް އެ ރައްޔިތުން ނުދެކެއެވެ.

ލަންކާގެ އާންމުން މަގުތަކަށް ނިކުތުމުން ބޮޑުވަޒީރު ރަނިލް ވަނީ ގައުމުގެ ބޮޑު ސަރަހައްދެއްގައި ކާފިއު ހިންގަން އަމުރުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.