ގޮތަބަޔާ ރާޖަޕްކަސާ

ގޮޓަބަޔާ އެނބުރި ލަންކާ އަށް ވަޑައިގެންފި

ފިއްލަވައިގެން ގައުމުން ވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އަނބުރާ އެ ގައުމަށް ވަޑައިގެންފި އެވެ.

ގޮޓަބަޔާ ރާޖަޕަކްސަ ލަންކާއަށް ވަޑައިގެންފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ލަންކާގެ ނޫސްތަކުން އަދި ބައިނަލްއަގްވާމީ ބޮޑެތި ނިއުސް އެޖެންސީތަކުން ބުނި ގޮތުގައި އެއާޕޯޓްގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާފައި ވަނިކޮށް މިރޭގެ ވަގުތެއްގައި ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ލަންކާއަށް ވަޑައިގެންފައެވެ. އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަމަށްވެސް ރިޕޯޓް ބުނެއެވެ.

ލަންކާގައި އިގްތިސޯދީ ހާލަތު އާދަޔާ ޚިޔާފަށް ދަށްވުމާ ގުޅިގެން އާންމުންގެ ފަރާތުން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރަށް ފިއްލަވަން ގައުމު ދޫކުރައްވައި ގޮޓަބަޔާ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެ އަށެވެ. އަދި ފަހުން ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވިއެވެ. ސިންގަޕޫރުގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހު ދެން ވަޑައިގެންނެވީ ތައިލެންޑަށެވެ. މިރޭ ލަންކާއަށް ވަޑައިގަތުމާއި ހަމައަށް ހުންނެވީ އެ ގައުމުގައެވެ.

ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 14 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ ރަނިލް ވިކްރަމަސިންހަ އެވެ. ރަނިލް އެ މަގާމަށް ވަޑައިގެންނެވީ ގޮޓަބަޔާގެ އެހީތެރި ކަމުގައެވެ.