ސްރީލަންކާ

ލަންކާއަށް ހަތަރު މެންބަރުންގެ ވަގުތީ ކެބިނެޓެއް

ސްރީލަންކާގައި ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭ ސަރުކާރެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަތަރު މެންބަރުން މައްޗަށް އެކުލެވޭ ވަގުތީ ކެބިނެޓެއް އެކުލަވާލައްވައިފި އެވެ. ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ވަގުތީ ކެބިނެޓަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވާ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

ވަގުތީ ކެބިނެޓްގައި ހިމެނެނީ ހަތަރު މިނިސްޓްރީ އެވެ. އެއީ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެޑިއުކޭޝަން އަދި ހައިވޭ މިނިސްޓްރީ އެވެ. ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ކުރީންވެސް އެ މަގާމުގައި ހުންނެވި ޖީއެލް ޕީރިސް އެވެ.

ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އަލީ ސަބްރީ އެވެ. އޭނާ ކުރީން ހުންނެވީ ޖަސްޓިސް މިނިސްޓަރު ކަމުގައެވެ.

އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވީވެސް ކުރީން އެ މަގާމުގައި ހުންނެވި ދިނޭޝް ގުނަވަރުދަނާ އެވެ. ދިނޭޝް ގުނަވަރުދަނާ އަކީ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށް ފުރަތަމަ އިއުލާނު ކުރެއްވި މިނިސްޓަރެވެ. ހައިވޭ މިނިސްޓަރަކަށް ހަމަޖެއްސެވީ ޖޯންސްޓަން ފަނާންޑޯ އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުން ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ މި ކެބިނެޓަކީ ލަންކާގައި ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭ ސަރުކާރެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ވަގުތީ ކެބިނެޓެކެވެ. މި ހަތަރު ބޭފުޅުން މަސައްކަތް ކުރައްވާ ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އެކުލަވާލުމަށެވެ.

ނަމަވެސް މިހާރުވެސް ބައެއް ޕާޓީތަކުން ވަނީ މިހާރުގެ ވެރީން ބައިވެރިވާ ސަރުކާރެއްގައި ބައިވެރިވާން ދެކޮޅު ހަދާ ކަން އިއުލާނު ކޮށްފައެވެ. އެ ޕާޓީތަކުން ބުނީ "ރާޖަޕަކުސަ އާއިލާ" ދެން ބޭނުން ނުވާ ކަމަށެވެ.

ލަންކާ މިނިވަންވީ ފަހުން އެ ގައުމު ނުދެކޭ ފަދަ އިގްތިސާދީ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކިފަހަރު މަތިން ގައުމަށް ދިމާވި މާލީ ނުތަނަވަސް ކަމުން އަރައިގަތުމަށް ގައުމުތަކުން ބޮޑެތި ލޯނުތައް ނެގުން ވަނީ ވަރަށް ސީރިއަސް ކަމަކަށް ވެފަ އެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމަށް ބޭނުންވާ ކާބޯތަކެތި ގަނެވޭ ވަރު ވެސް މާލިއްޔަތުގައި މިހާރަކު ނެތެވެ.

ލަންކާއިން ތެޔޮ ހުސްވުމުގެ ސަބަބުން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަން ވަނީ މަޖުބޫރުވެފަ އެވެ. ބައެއް ސަރަހައްދު ތަކުން އަށްގަޑިއިރަށް ބައެއް ސަރަހައްދު ތަކުން 13 ގަޑިއިރަށް މިހާރު ވަނީ ކަރަންޓް ކަނޑަށް ފަށާފަ އެވެ. އެ ނޫން އެތައް ގޮތަކުންވެސް ލަންކާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ލަންކާގެ އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނިކުމެ އިހުތިޖާޖުކޮށް ވެރީންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެކަން ހުއްޓުވަން ކާފިއު އިއުލާނުކޮށް މަގުތަކަށް ނިކުތުން މުޅީން މަނާކުރިނަމަވެސް ކާފިއުގެ އަމުރު ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.