މަހިންދަ ރާޖަޕަކްސާ

މަހިންދަ ބޮޑުވަޒީރުގެ ގެކޮޅުން ނުކުންނަވައިފި

މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ ރަސްމީގެކޮޅު -- ޓެންޕަލް ޓްރީސް -- އިން ނިކުމެވަޑައިގެންފި އެވެ. ލަންކާ ސަރުކާރުން ބުނީ މަހިންދަ، ބޮޑުވަޒީރުގެ ގެކޮޅު ދޫކުރަން ނިކުމެވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ޓެނަޕްލް ޓްރީސް އިން ނިކުމެވަޑައިނުގެން ރެއިން ފެށިގެން މަޑުކުރެއްވީ އިދިކޮޅުގެ ސަޕޯޓަރުން ރޭ ފަތިހާ ހަމައަށް އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުން ދިއުމުގެ ސަބަބުންނެވެ. އެ ސަރަހައްދުގައި ހުރި ދައުލަތުގެ ވެހިކަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.

"ހެނދުނު ސިފައިންގެ އެހީތެރިކަމުގައި މަހިންދަ ރާޖަޕަކްސަ ވަނީ ޓެންޕަލް ޓްރީސް އިން ނިކުމެވަޑައިގެންފައި. އެމަނިކުފާނު ނިކުމެވަޑައިގެންނެވީ އިހުތިޖާޖު ކުރަމުންދާ މީހުން އެ ސަރަހައްދުން ދުރައްޖެއްސުމަށް ފަހު،" އޮފިޝަލަކު ވިދާޅުވިއެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު އެ ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުދަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ރައީސް ގޯޓާބެ ރާޖަ ޕަކްސަ ރޭ ވަނީ ނިންމަވާފައެވެ.

ސަރުކާރުން ބުނަނީ ބުދަ ދުވަހުގެ ހެނދުނު 7:00 އާ ހަމައަށް ކާފިއު ދަންމާލާފައިވާ ކަަމަށާ މަގުތަކަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ އަމުރު އެއްވެސް ސަރަހައްދެއްގައި ތަންފީޒު ނުކުރެވެއެވެ. ހާއްސަކޮށް ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ރޭ ފަތިސް ވަންދެން އެތައް ސަތޭކަ ބަޔަކު ދިޔަައީ މަގުތަކުގައި އަޑުއުފުލަމުންނެވެ.

ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުން ގެންދިޔަައީ ސަރުކާރުގެ ވެރީންގެ ގެކޮޅުތަކާއި އޮފީސްތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގައިވެސް ރޯކޮށް ވަނީ އަންދާލާފައެވެ. އެއީ ހަމްބަންޓޯޓާގެ މެޑަމުލަނައިގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގެކޮޅެވެ. ރާޖަޕަކްސަ މިއުޒިއަމްގައިވެސް ހުޅުޖަހާ ދެއްޔަށް ވަނީ ހަދާލާފައެވެ.

ހަމަނުޖެހުންތައް ބޮޑުކަމުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ. އެހެން ކަމުން ހުޅުގަނޑު ފަޅައިގެންގޮސް އަލިފާނުގެ ބޮޑު ހާދިސާއަކަށް ބަދަލުވެ މުޅި ގެއާއި އިމާރާތުގެ ތެރޭގައިވާ ވެހިކަލްތަކާއި ހުރިހާ އެއްޗެއް އަނދައިގެން ދަނީ އެވެ.

ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަވަހާރަވެފައެވެ.

ވަރަށް ގިނަ މެންބަރުންގެ ގެކޮޅުތައް ވަނީ މުޅީން އަންދާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ މިނިސްޓަރުންނާއި މޭޔަރުން އަދި ސަރުކާރުގެ ވެރީން ހިމެނޭހެން 27 ބޭފުޅެއްގެ ގެކޮޅު ވަނީ ދެއްޔަށް ހަދާލާފައެވެ.

ލަންކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ލަންކާ މި ފަހުން ނުދެކޭ ފަދަ ނުރައްކާތެރި ހާލަތަށް ދިޔައީ މަގާމު ދެމެހެއްޓުމަށް މަހިންދަ ރާޖަޕަކްސަ އިއްޔެ ކުރެއްވެވި "ނުރައްކާތެރި" ކަމެއްގެ ސަބަބުން ކަމަށެވެ. އެއީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް މޮބުން ފޮނުވައިގެން ބޮޑު ހަމަނުޖެހުމަކަށް ބަދަލު ކުރުމެވެ.

އިތުބާރުހުރި މަސްދަރުތަކުން ބުނާ ގޮތުން ހަމަނުޖެހުން ހިންގި ގޭންގުތަކުން އެކަން ކުރީ މަހިންދަ ރާޖަޕަކްސަގެ އޯޑަރަށެވެ. އެ ގުރޫޕްތަކުން މަގުތަކަށް ނިކުމެ އާންމުންނާއި ކުރިމަތިލީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީގައި މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

ލަންކާގެ ހާލަތު ގޯސްވެ މުޅި ދުނިޔޭގެ ސަމާލުކަން ވަނީ އެ ގައުމަށް ހުއްޓިފައެވެ. ދާހިލީ ބޮޑު ހަނގުރާމައަކުން ސަލާމަތްވެ ވަރަށް ސުލްހަވެރި ގައުމެއްގެ ގޮތުގައި ބެލެވުނު ސްރީލަންކާއިން އިއްޔެ ހެނދުނުން ފެށިގެން ފެންނަމުން ދަނީ ބިރުވެރި މަންޒަރުތަކެކެވެ. ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަަހަމްވެފައެވެ. ބައެއް މީހުންގެ ހާލު ވަރަށް ދެރައެވެ. މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށައެޅިފައެވެ.