ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓަށް ލަންކާގެ ބައެއް ރައްޔިތުން ވަރަށް ރުޅިވެރިކަމާއެކު ރައްދު ދީފި އެވެ.
ގޮޓަބަޔާގެ އިސްތިއުފާއާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް ދެން ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ލަންކާގައި ސަލާމަތުން ހުންނެވުނު ނަމަ އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތް ނަމަ އަދިވެސް އިސްތިއުފާ ދެއްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައްކާތެރިކަން އޮތް މަންޒިލަކަށް ވަޑައިގެން ގޮޓަބަޔަ އިސްތިއުފާ ދެއްވިއިރު އެކަމަށް މަގުފަހި ކުރުވީ ރާއްޖެއިން ކަމަށް ވިސްނައި ދޭން ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ރާއްޖެއިން މި މައްސަލާގައި އަމަލު ކުރި ގޮތަށް ތައުރީފު ކުރެއްވިއެވެ.
ވިދާޅުވީ ދިވެހި ސަރުކާރުން އަމަލަ ކުރީ ވިސްނުންތެރި ކަމާއެކު ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް [ގޮޓަބަޔާ ރާޖަޕަކްސަ] ލަންކާގައި ހުންނެވި ނަމަ ފުރާނަފުޅު ގެއްލޭނެ ކަމުގެ ބިރު އޮތުމުން އިސްތިއުފާ ނުދެއްވީސް. ދިވެހި ސަރުކާރުގެ ވިސްނުންތެރި އަމަލުތަކަށް އަޅުގަނޑު ތައުރީފު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ނަޝީދު ޓްވީޓް ކުރެއްވިއިރު އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާނެއް ނުކުރައްވައެވެ. އަދި އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް ރައީސްގެ މީޑިއާ އޮފީހުން ބުނީވެސް އޭގެ ފަހުންނެވެ. ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނީ ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރަސްމީކޮށް އިއުލާނު ކުރާނީ ސިޓީގެ ގާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެވެ.
އެކަން ކުރުމުގެ ކުރީން ނަޝީދުގެ ޓްވީޓެއްގައި އެ ވާހަކަ ފާހަގަކޮށްފައިވާތީ ލަންކާގެ ބައެއް ނޫސްތަކުގައި ފުރަތަމަ ރިޕޯޓް ކުރީވެސް "ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ" މިފަދަ އިންނެވެ. އަދި އެ ގައުމުގެ ވަރަށް ގިނަ ބަޔަކު ވަނީ ނަޝީދަކީ ގޮޓަބަޔާގެ ތަރުޖަމާންތޯ ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން ނަޝީދުގެ ޓްވީޓްގައި ގޮޓަބަޔާ ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވިދާޅުވި ނަމަވެސް އެއީ ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ވީ ހިޔާނާތެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި އެތައް އަހަރެއް ވަންދެން ދެ ގައުމުގެ މެދުގައި އޮތްް ވަރުގަދަ އިތުބާރާއި ޔަގީންކަން ނަޝީދު ފަދަ ލީޑަރުންގެ ސަބަބުން ގެއްލިފައިވާ ކަމަށް ވަނީ ބުނެފައެވެ.
"ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަން ހަލާކުވެގެން ދިޔައީ މިފަދަ [ރައީސް ނަޝީދު] ބޭފުޅުންގެ ސަބަބުން،" ލަންކާގެ ރައްޔިތަކު ލިޔެފައި ވެއެވެ.
ބައެއް މީހުން ވަނީ ލަންކާގައި ހުންނެވި ނަމަ ގޮޓަބަޔާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ނަޝީދު ނިންމެވީ ކިހިނެތްތޯވެސް ސުވާލު ކުރައްވާފައެވެ. އަދި ގޮޓަބަޔާގެ ފުރާނައިގެ ވާހަކަ ދެއްކެވިއިރު އެމަނިކުފާނުގެ ސަބަބުން ލަންކާގެ އެތައް މިލިއަން ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅިފައިވާކަން އެނގިވަޑައިގަންނަވާތޯ ނަޝީދުއާ ސުވާލު ކޮށްފައިވެއެވެ.
"އެމަނިކުފާނުގެ [ރައީސް ގޮޓަބަޔާ] ރިޔާސީ ދައުރުގައި ފުރާނަ ގެއްލޭނެ ކަމުގެ ބިރުގަތީ ކިތައް މީހުންކަން އެނގޭތަ،"
ނަޝީދުގެ ޓްވީޓަށް ރައްދުދިން ބައެއް މީހުން ބުނި ގޮތުގައި އިސްތިއުފާ ދެއްވީ ލަންކާގެ ރައީސް ނަމަވެސް އެކަން އިއުލާނު ކުރަން ޖެހުީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށެވެ. އަދި ލަންކާއަށް ވާނެ ގޮތް އޮޅުން ފިލުވަން މިއަދު ޖެހިފައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރެއް މެދުވެރިކޮށްތޯ ސުވާލުކޮށްފައިވެއެވެ. އަދި ގޮޓަބަޔާ ލަންކާ ދޫކުރައްވާ ވަޑައިގަތީ އެހާ ނާޒުކު ފައްތަރަކަށް ގައުމު ވައްޓާލާފައިތޯ ސުވާލު ކޮށްފައިވެއެވެ.
"މި ގައުމުގެ ކަންކަންވެސް އަހަން މިޖެހެނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތުން،"
ވަރަށް ގިނަ ބަޔަކު ވަނީ ނަޝީދަށް ވަރަށް ނުރުހުންތެރިކަމާއެކު ރައްދު ދީފައެވެ. އަދި ލަންކާ މިއަދު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭ މީހުންގެ ތެރޭގައި ނަޝީދުވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
"ތިޔައީ [ރައީސް ނަޝީދަކީ] ވެސް ލަންކާއަށް އިގްތިސާދީ ދަތިކަން ކުރިމަތިވާ ސަބަބެއް. ތިޔަ ދަނީ ލަންކާ ރައްޔިތުންގެ ފައިސާއިން އުފާކުރަމުން،" ލަންކާ ރައްޔިތަކު ލިޔެފައިވެއެވެ.