ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ލަންކާ އިން ފިއްލެވުމަށް ރާއްޖެއިން އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލަންކާއާއި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފި އެވެ.
ގޮތަބަޔާ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ އަސްކަރީ މަތިންދާ ބޯޓެއްގައި ކަމަށް ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ.
ގޮތަބަޔާ ދަތުރުކުރެއްވި އަސްކަރީ މަތިންދާ ބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން ފުރަތަމަ ހުއްދައަށް އެދިވަޑައިގަތުމުން އެ ހުއްދަ ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެވަނަ ފަހަރަށް އެ ހުއްދަ ލިބުނީ ރައީސް ނަޝީދު އެކަމުގައި މެދުވެރިއަކަށް ވެވަޑައިގެން ކުރެއްވި މަސައްކަތުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ގޮތަބަޔާ އަށް ރާއްޖެއިން އެހީތެރިކަން ދިން މައްސލަައިގައި ދިވެހި ސަރުކާރުގެ އިދާރާތަކުންނާއި ރައީސް ނަޝީދުވެސް އަދި އެއްޗެއް ވިދާޅުވެފައި ނުވާތީ ގޮތަބަޔާ ރާއްޖެ ވަޑައިގެން ދެން އަމަލުކުރެއްވި ގޮތެއް އަދި ސާފެއް ނޫނެވެ. ގޮތަބަޔާ މިވަގުތު ރާއްޖޭގެ ހުންނެވި ކަމެއްވެސް ނުވަތަ ފުރާވަޑައިގެންނެވި ކަމެއްވެސް އަދި މުޅިން ސާފެއް ނޫނެވެ.
ގޮތަބަޔާ ފިއްލެވުމަށް ރައީސް ނަޝީދު އެހީތެރިވެވަޑައިގެންނެވި ކަމަށް ހަބަރުތައް ފެތުރުމާ އެކު ލަންކާ ރައްޔިތުންނާއި ދިވެހި ރައްޔިތުން ގެންދަނީ ގޮތަބަޔާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް އެހީތެރިވެދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.
ނަޝީދު ފަަދަ ޑިމޮކްރަސީއަށް ލޯބިކުރާ ކަމަށް ވިދާޅުވާ ލީޑަރަކު ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ތުހުމަތުކުރެވޭ ގޮތަބަޔާ ފަދަ ލީޑަރަކަށް އެހީތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑު ކިޔާ މީހުން ދަނީ ބުނަމުންނެވެ. ނަޝީދު ކުރެއްވި ހުތުރުކަން ބޮޑު މިއަމަލުގެ އަގު އެމަނިކުފާނު ކޮންމެވެސް ދުވަހަކުން ދައްކަވަން ޖެހޭނެ ކަމަށްވެސް ފާޑުކިޔުންތަކުގައި ބުނެފައިވެ އެވެ.
ރޮއިޓާސްގެ ކުރީގެ ނޫސްވެރިޔާ އަދި ލަންކާގެ މަޝްހޫރު ނޫސްވެރިޔެއް ކަމަށްވާ ޝިހާރު އަނީޒް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ގޯތާބާޔައަށް ފިއްލަވަން އެހީތެރިވެދެއްވީ ހެޔޮ ވެރިކަމަކަށް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވާ ރައީސް ނަޝީދު ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އޭގެފަހުގައި ޝިހާރު ވަނީ ލަންކާގެ ރައްޔިތުންނަށް ރައީސް ނަޝީދު ހޯއްދަވައިދެއްވި ހެޔޮވެރިކަމާއި އިންސާފު ކޮބައިތޯއޭ ބުނެ ސުވާލުކުރައްވާފަ އެވެ.
"އެތައް މިލިއަން ބަޔަކު ހާލުގައި ޖައްސާފައިވާ ގޮތަބަޔާއަށް އަމާން ވެއްޓެއް ހޯއްދަވައިދެއްވީ ކީއްވެގެންތޯ؟" ޝިހާރު ނަޝީދުއާ ކުރެއްވި ސުވާލުގައިވެ އެވެ.
ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މުޖުރިމަކަށް ރާއްޖޭގެ އިސްވެރިން ހިމާޔަތް ދީފައިވާ ކަމަށާއި އެއީ ލަދުވެތި އަމަލެއް ކަމަށެވެ.
ރާއްޖޭގެ އިދިކޮޅު ކޯލިޝަނުން ވަނީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ފިއްލަވަން އެހީތެރިވެދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެން ކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހް ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި ގޮތަށް މިވަގުތު ހުންނެވީ ސައުދި އަރަބިއްޔާގަ އެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެއަށް ވަޑައިގަތުމުން ރާއްޖެއިން އެހީތެރިވެ ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ގުރޫޕުން ވަނީ ނިންމާފަ އެވެ.