ސްރީލަންކާއަށް މާލީ އެހީތެރިކަން ހޯދުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ލަންކާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު މިރޭ ލަންކާއަށް ފުރާވަޑައިގަތީ އެ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ސީވީއެފް އަދި ސްރީލަންކާ މިޝަންގެ ބައްދަލުވުމަކަށް ކަމަށެވެ.
ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ގުޅިގެން އެ ގައުމަށް ބޭނުންވާ އެހީ ހޯދުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ. ނަޝީދަށް އެ ފުރުސަތު ދެއްވީ އެމަނިކުފާނު އިސްވެ އެކަމަށް ހުށަހެޅުއްވުމުންނެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
ރައީސް ނަޝީދު ގެންދަވަނީ ލަންކާގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް އެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކާ މަޝްވަރާތަކެއްވެސް ކުރައްވަމުންނެވެ.