ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ އިންޓަނޭޝަނަލް ކަލްއިމެޓް އެޑްވައިޒަރުގެ މަގާމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފި އެވެ.
މޫސުމާ ގުޅޭ މައްސަލަތަކުގައި ލަފާ ދެއްވާ މުޝީރުގެ މަގާމަށް ނަޝީދު އައްޔަންކުރެއްވި ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ. މިމަގާމަށް ނަޝީދުއާ އެކު ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްވެސް އައްޔަންކުރައްވާފައިވެ އެވެ.
އެރިކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް އިގްތިސާދީ ހަމަޖެހުން ގެންނަން ރަނިލް މަސައްކަތް ކުރައްވަނީ ތިމާވެއްޓާ ރަހްމަތްތެރި ގޮތަކަށް ކަމަށެވެ. އެ މަސައްކަތުގައި ރައީސް ނަޝީދާ އެކު ބައިވެރިވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ފަހްރެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރަނިލް ލަންކާގެ ބޮޑުވަޒީރުކަމާ މިިދިޔަ މޭ މަހު ހަވާލުވެވަޑައިގަތުމަށްފަހު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައި އޮތް ލަންކާއަށް ބައިނަލްއަގުވާމީ އެހީ ހޯދުމުގެ ކަންކަން ވިލަރެސްކުރުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަންކުރެއްވީ ވެސް ރައީސް ނަޝީދު އެވެ. އެ މަގާމަށް ރައީސް ނަޝީދު ކުރެއްވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ.
ފަހުން ލަންކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރައްވާ މަސައްކަތްތަކާއި ލަންކާއަށް ދިމާވެފައިވާ ބޮޑު އިގްތިސާދީ އަނދަވަޅުގަޑުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ނަޝީދު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ މަހު ވެސް ލަންކާ އަށް ވަޑައިގެން އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.