ރައީސް މުހައްމަދު ނަޝީދު

ލަންކާއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ފެށޭނެ ކަމަށް އުންމީދު ކުރަން: ނަޝީދު

ލަންކާގެ ރައީސަކަަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިހާބު ކުރުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ލަންކާގެ އައު ރައީސް، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ހޯއްދަވާ މަގާމަށް ވަޑައިގެންކަން ފާހަގަ ކުރައްވާ މަރުހަބާ ދަންނަވާފައެވެ. އަދި ރަނިލްގެ ރިޔާސަތުގައި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ އަބަދުވެސް އޮންނާނީ ލަންކާގެ ރައްޔިތުންނާ އެކު،" ނަޝީދު ވިދާޅުވިއެވެ.

ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ރައްޔިތުން އިއްޔެ މަގުތަކަށް ނިކުމެ ރައީސް އާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ރައްޔިތުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ. އެ ފުރުސަތު ރާއްޖެއިން ދިނުމުން ލަންކާގެ ރައްޔިތުންގެ ރުޅިއާއި ފާޑުކިޔުން ރާއްޖެއަށް އަމާޒުވިއެވެ. އެކަމުގެ އަޑީގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކޮށް އެމަނިކުފާނަށް އެ ގައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ރުޅިވެރިކަމެއް އެބައޮތެވެ.

ރާއްޖެ ވަޑައިގެން 33 ގަޑިއެއްހާއިރު ހޭދަކުރެއްވުމަށް ފަހު ގޮޓަބަޔާ އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެވެ. ގޮޓަބަޔާގެ އިސްތިއުފާ އެންމެ ފުރަތަމަ އިއުލާނު ކުރެއްވީވެސް ނަޝީދެވެ. އެއީވެސް ލަންކާގެ ރައްޔިތުންގެ ފާޑުކިޔުން ނަޝީދަށް އަމާޒުވި އިތުރު ސަބަބެކެވެ. އަދި ގޮޓަބަޔާ ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވިދާޅުވެ ނަޝީދު ޓްވީޓެއް ކުރެއްވުމުން އެ ރައްޔިތުން އިތުރަށް ރުޅިގަދަވިއެވެ.

ސްރީލަންކާއަށް އިގްތިސޯދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެ ގައުމު ބަނގުރޫޓްވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމާ ރަނިލް ވިކްރަމަ ސިންހަ ހަވާލުވުމާ އެކު ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް އެދިވަޑައިގެން ލަންކާއަށް ބޭރުގެ މާލީ އެހީ ހޯދުމުގެ މަސައްކަތްތައް ކުރެއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވާ މަންދޫބަކަށްވެސް ވެވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މަސައްކަތުން ލަންކާއަށް މާލީ އެހީތަކެއް އަދި ހޯދައިދެވިފައެއް ނުވެ އެވެ. އެކަމާއި ގުޅިގެންވެސް ނަޝީދަށް ފާޑުކިޔުން އަމާޒުވިއެވެ.