ހޮލީވުޑް

ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކް ކައިވެނިކޮށްފި

Jul 18, 2022

މަޝްހޫރު ދެ ތަރިން ކަމަށްވާ ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކް ކައިވެނިކޮށްފި އެވެ.

މި ދެ މީހުން މިދިޔަ ހޮނިހިރު ދުވަހު ކައިވެނި ކުރީ އެމެރިކާގެ ލަސް ވެގަސް ސިޓީގަ އެވެ.

ކައިވެނި ހަފްލާގެ ރަސްމީ ފޮޓޯތައް އަދި އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ކައިވެނިކޮށްފައިވާ ކަން ޖެނިފާ ވަނީ ޔަގީންކޮށްދީފަ އެވެ.

އޭނާ ބުނީ ކައިވެނި ކުރެވުނީތީ އުފާވާ ކަމަށާއި ކައިވެނީގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔަ ރަނގަޅަށް ކަމަށެވެ.

ޖެނިފާ އާއި އެފްލެކް އަކީ ކުރިންވެސް ލޯބީގެ ގޮތުން ގުޅުމަށްފަހު އެންގޭޖުވި ދެ މީހުންނެވެ. ނަމަވެސް އެ ދެ މީހުންގެ ގުޅުން އޭރު ނިމުމަކަށް ގެނެސް ދެ މީހުންވެސް އެހެން މީހުންނާ ކައިވެނިކޮށް ދަރިން ލިބިފައިވެ އެވެ.

ޖެނިފާއަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މާކް އެންތަނީ އަށެވެ. ބެން އެފްލެކްގެ ތިން ކުދިން ތިބެވެ.

އުމުރުން މިހާރު 49 އަހަރުގެ ބެން އެފްލެކް އާއި އުމުރުން 52 އަހަރުގެ ޖެނިފާ އަލުން ލޯބީގެ ގުޅުން ފެށީ މިދިޔަ އަހަރު އެވެ. އަދި ދެވަނަ ފަހަރަށް އެ މީހުން އެންގޭޖުވީ މިދިޔަ އެޕްރީލް މަހު އެވެ.