ސިވިލްސާވިސް ކޮމިޝަން

ސީއެސްސީގެ ކައުންސެލް ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

Jul 20, 2022

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ލީގަލް އެފެއާޒް އެންޑް ސިވިލް ސާވިސް އެމްޕްލޯއީ ރިލޭޝަންސް ޑިވިޝަންގެ ކައުންސެލް ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

މިމަގާމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަންކޮށްފައިވަނީ ހއ. ތުރާކުނަށް ނިސްބަތްވާ އަލްއުސްތާޒު އިބްރާހިމް ރަޝީދެވެ.

ކައުންސިލް ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިވިލް ސާވިސް ކޮމިޝަނަށް އެކި މައްސަލަތަކުގައި ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިބްރާހިމް ރަޝީދަކީ ގައުމީ ޔުނިވަސިޓީން ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރެއްވުމަށްފަހު ވިލާ ކޮލެޖުން ޝަރިއާ އެންޑް ލޯގެ މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިބްރާހީމް ރަޝީދު ކިޔަވާ ވިދާޅުވި ކޯހުން އެއްވަނަ ހާސިލްކުރައްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑު ވެސް އޭނާ ހާސިލްކުރައްވާފައިވެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ނުވަ އަހަރު މަސައްކަތް ކުރައްވާފައިވާ އިބްރާހީމް ރަޝީދު އެ އިދާރާގައި އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގައި ޤާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

އިބްރާހީމް ރަޝީދު ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖުގައި ލެކްޗަރައެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފެމިލީ ކޯޓުން ކުރިއަށް ގެންދާ ކައިވެނި ޕްރޮގްރާމުގެ ބައިވެރިންނަށް ވެސް ގާނޫނީ ގޮތުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.