ސިވިލްސާވިސް ކޮމިޝަން

ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް އަބްދުﷲ

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޕްރިންސިޕަލް އަބްދުﷲ ރަޝީދު އައްޔަންކޮށްފި އެވެ.

އަބްދުﷲ ރަޝީދު އެންމެ ފަހުން ހުންނެވީ ހުރަވީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އޭގެކުރިން އަބްދުﷲ ރަޝީދު ވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލާއި އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކުގައިވެސް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

އަބްދުﷲ ރަޝީދު، އަތޮޅު ތެރޭގައި ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތައުލީމީ މަރުކަޒާއި، އއ. ތޮއްޑޫ ސްކޫލް ގައެވެ. މީގެއިތުރުން ކ. އަތޮޅު މަދަރުސާގެ ހެޑްމާސްޓަރުކަމާއި ހެޑް އޮފް ސްކޫލްގެ މަގާމުވެސް އަދާކުރެއްވި އެވެ.

ހިސާބާއި އިނގިރޭސި ލޭންގުއޭޖުން އިންޑިއާގެ ކްރިސްޓް ޔުނިވަސިޓީން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަބްދުﷲ ރަޝީދު މާސްޓާސް ހެއްދެވީ އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މެލޭޝިއާގެ އޯޕަން ޔުނިޔަވަސިޓީ (ވިލާ ކޮލެޖް) ގައެވެ.

މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީންގެ ގޮތުގައި ބޭފުޅުން އައްޔަންކުރައްވަނީ އެ މިނިސްޓްރީއެއް ހިންގަވަން ހުންނަވާ ވަޒީރުގެ ރުހުން އޮންނަ ބޭފުޅެކެވެ.