ސިވިލްސާވިސް ކޮމިޝަން

ރަށު ކައުންސިލްތަކަށް 30 ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

ރަށު ކައުންސިލްތަކަށް 30 ސެކްރެޓަރީ ޖެނެރަލް ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފި ޗއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަނީ ދެ ކެޓަގަރީ އަކަށެވެ. މީގެތެރެއިން އެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 9،300 ރުފިޔާ އެވެ. އަނެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 8،835 ރުފިޔާ އެވެ. 9،300 ރުފިޔާ ލިބޭ ކެޓަގަރީގައި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭއިރު އަނެއް ކެޓަގަރީގެ އެގްޒެކެޓިވް އެލަވަންސަކީ 6،450 ރުފިޔާ އެވެ. ދެ ކެޓަގަރީއަށްވެސް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިއުލާނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ، އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެ އެވެ.

ކައުންސިލަރުން ހޯދާ ރަށްތައް

  • ހއ. ވަށަފަރު،
  • ހއ. މުރައިދޫ،
  • ށ. ފޭދޫ،
  • ށ. މަރޮށި،
  • ށ. ފީވަށް،
  • ރ. ވާދޫ،
  • ރ. މަޑުއްވަރީ،
  • ރ. ރަސްމާދޫ،
  • ރ. އިންނަމާދޫ،
  • ބ. ފުޅަދޫ،
  • ބ. ފެހެންދޫ،
  • ބ. ހިތާދޫ،
  • ކ. ތުލުސްދޫ،
  • އއ. ތޮއްޑޫ،
  • އއ. މާޅޮސް،
  • އދ. ދިއްދޫ،
  • އދ. ހަންޏާމީދޫ،
  • ވ. ތިނަދޫ،
  • ވ. ފެލިދޫ،
  • ވ. ރަކީދޫ،
  • މ. މަޑުއްވަރީ،
  • ފ. ދަރަނބޫދޫ،
  • ދ. ރިނބުދޫ،
  • ދ. ކުޑަހުވަދޫ،
  • ދ. މާއެނބޫދޫ،
  • ތ. ގާދިއްފުށީ،
  • ތ. ތިމަރަފުށި،
  • ލ. ދަނބިދޫ،
  • ގއ. ކޮލަމާފުށި
  • އަދި ގއ. ދެއްވަދޫ

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ދާއިމީ މަގާމެއް ނަމަވެސް މަގާމުގެ ކޮންޓްރެކްޓްގެ މުއްދަތަކީ ފަސް އަހަރެވެ. މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އިދާރީ ގޮތުން އެންމެ އިސް މުވައްޒަފުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މި ހިނގާ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.