އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 38 ބޭފުޅަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގެންދަނީ ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނަރަލުން ހޯދުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރަމުންނެވެ. އެންމެ ފުރަތަމަ ހުޅުވާލިއިރު 200 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކުރި އެވެ.
ކައުންސިލްތަކަށް އެސްޖީން ހޯދަން ދޭތެރެއަކުން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކުރަނީ ބައެއް ކައުންސިލްތަކުން އެސްޖީންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދެއްވާތީއާއި ބައެއް ރަށްރަށަށް ޝަރުތު ހަމަވާ ބޭފުޅުން ލިބުން އަދިވެސް ދަތިވާތީ އެެވެ.
އެސްޖީން ހޯދުމަށް މިފަހަރު ފުރަތަމަ ފުރުސަތު ހުޅުވާލީ މި މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ކުރިމަތިލާން ޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ކުރިމަތިލެވޭ ގޮތަށް ވަގުތު އިތުރުކޮށްފަ އެވެ.
އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. އަތޮޅު ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ އަކީ 21،000 ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އަކީ 35،500 ރުފިޔާ އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.
ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އެންމެ ފުރަތަމަ ހުޅުވާލިއިރު އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވުން ހިމެނެ އެވެ. ނަމަވެސް އެ ފެންވަރުގެ މީހުން ހޯދުމަށް ދަތިވެފައިވާތީ އެސްޖީންގެ ޝަރުތު މިހާރު ވަނީ ޑިޕްލޮމާ ފެންވަރަށް ދަށްކޮށްފަ އެެވެ.
ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް 2021 ވަނަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ނިންމީ ލާމަރުކަޒީ ގާނޫނު އެ އަހަރުގެ ތެރޭގައި އެގޮތަށް އިސްލާހުކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.