ސިވިލްސާވިސް ކޮމިޝަން

ކައުންސިލްތަކަށް 41 އެސްޖީއަކު ހޯދަނީ

Jan 26, 2023
3

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 41 ބޭފުޅަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގެންދަނީ ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނަރަލުން ހޯދުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރަމުންނެވެ. އެންމެ ފުރަތަމަ ހުޅުވާލިއިރު 200 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކުރި އެވެ.

ސެކްރެޓަރީ ޖެނަރަލުން ހޯދަނީ އެ މަގާމުގައި އެއްވެސް ބޭފުޅަކު މިވަގުތު ނެތް ފަސް އަތޮޅު ކައުންސިލަކަށާއި 36 ރަށު ކައުންސިލަކަށެވެ.

މިފަހަރު ފުރުސަތު ހުޅުވާލީ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭ ގޮތަށެވެ.

އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. އަތޮޅު ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ އަކީ 21،000 ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އަކީ 35،500 ރުފިޔާ އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އެންމެ ފުރަތަމަ ހުޅުވާލިއިރު އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވުން ހިމެނެ އެވެ. ނަމަވެސް އެ ފެންވަރުގެ މީހުން ހޯދުމަށް ދަތިވެފައިވާތީ އެސްޖީންގެ ޝަރުތު މިހާރު ވަނީ ޑިޕްލޮމާ ފެންވަރަށް ދަށްކޮށްފަ އެެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް 2021 ވަނަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ނިންމީ ލާމަރުކަޒީ ގާނޫނު އެ އަހަރުގެ ތެރޭގައި އެގޮތަށް އިސްލާހުކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.