ސިވިލްސާވިސް ކޮމިޝަން

މުވައްޒަފުން ނަގަން ހުރަހެއް ނާޅަން: ސީއެސްސީ

May 24, 2022

ލޯކަލް ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހޯދަންޖެހޭ ހުއްދަތައް ލިބުމުގައި އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން ދައްކާ ވާހަކަތައް ސީއެސްސީން ދޮގުކޮށްފި އެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމުގެ ކުރިން އެ ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމުގައި އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާނަމަ، ކަމާގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް، ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ދެމުންދާ ކަމުގައިވެސް ބަޔާނުގައިވެ އެވެ. އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުސޫލެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާ ގުޅިގެން އެކުލަވާލައި އާންމުކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސީއެސްސީން ބުނީ އެ އުސޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. އޮނިގަނޑު ފާސްނުވިކަމުގައިވީ ނަމަވެސް، ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ހަރަދު ކުރެވެންހުރި ނަމަ، ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ދެމުންދާ ކަމަށްވެސް ސީއެސްސިން ބުނެފައިވެ އެވެ.