ސިވިލްސާވިސް ކޮމިޝަން

ކައުންސިލްތަކަށް 42 އެސްޖީއަކު ހޯދަނީ

Sep 18, 2022

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 42 ބޭފުޅަކު ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގެންދަނީ ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނަރަލުން ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރަމުންނެވެ.

ސެކްރެޓަރީ ޖެނަރަލުން ހޯދަނީ އެ މަގާމުގައި އެއްވެސް ބޭފުޅަކު މިވަގުތު ނެތް ރަށްތަކަށެވެ.

މިފަހަރު ފުރުސަތު ހުޅުވާލީ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭ ގޮތަށެވެ.

އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް މިދިޔަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަން ކުރަން ނިންމީ ލާމަރުކަޒީ ގާނޫނު މިދިޔަ އަހަރު އެގޮތަށް އިސްލާހުކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަކަށް ކޮންމެ ކައުންސިލަކަށް ބޭފުޅެކެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000 ރުފިޔާ އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ލިބެ އެވެ.