މި ފެށޭ ދިރާސީ އާ އަހަރާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ކިޔަވައިދޭން ތައްޔާރުވެއްޖެ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ކިޔަވައިދިނުމަށް އައްސޭރި ޖަލުގައި ގާއިމްކުރަމުން އައި ކްލާސްރޫމް މިހާރު ނިމިފައިވާ ކަމަށެވެ. ޖަލުގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އައްސޭރި ޖަލުގައި ގާއިމްކޮށްފައި ވަނީ 20 ކުދިންގެ ޖާގައިގެ ކްލާސްރޫމެކެވެ. މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމާއިއެކު އެކުދިންގެ ކިޔެވުން ވެސް ފެށިގެންދާނެ އެވެ. ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް އެ ސާވިސް އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މި މަހުގެ ހަވަނަ ދުވަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
ކަރެކްޝަންސް ސާވިސް އިން ބުނެފައި ވަނީ އެ އެމްއޯޔޫގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ބަންދުގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭގޮތަށް ކުއްޖާއަށް ތައުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެމްއޯޔޫގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ވަނީ ކުދިން ބަހައްޓާ މަރުކަޒަށް ކުއްޖާ ގެނެވޭތާ މަސް ދުވަސް ތެރޭގައި ކަރެކްޝަންސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތައުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުމަށްފަހު، އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިން ޕްލޭން ތައްޔާރުކުރުމެވެ. އަދި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ކަރެކްޝަންސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި، ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމުގެ އިތުރުން ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް އެމްއޯޔޫގެ ދަށުން ހިމެނެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެފުން ފެށެނީ އަންނަމަހުގެ ހަތްވަނަ ދުވަހު އެވެ.