މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއާ އެކު އިއްޔެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ކަރެކްޝަންސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.
އެމްއޯޔޫގެ މަގުސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާއާ ގުޅޭގޮތަށް ކުއްޖާއަށް ތައުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެމްއޯޔޫގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ކުއްޖަކު ގެނެވޭތާ އެއް މަސް ދުވަސް ތެރޭގައި ކަރެކްޝަންސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ ޓީޗަރުން މެދުވެރިކޮށް އެ ކުއްޖާގެ ތައުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުން ހިމެނެ އެވެ. އަދި އެސެސްމަންޓްގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ވެސް ހިމެނެ އެވެ.
ކަރެކްޝަންސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް އިނާޔަތް ދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި ޓީޗަރުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ކުރުން ހިމެނެ އެވެ.
ކުށްކުރާ ކުޑަކުދިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން އެ ކުދިން ބޭތިއްބުމަށް ކަރެކްޝަންސް އިން ވަނީ މިދިޔަ ޖެނުއަރީ މަހު އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ވެސް ހުޅުވާފަ އެވެ.
މި ސެންޓަރަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑާޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ގާއިމްކޮށްފައިވާ ސެންޓަރެކެވެ.