މަންކީޕޮކްސް

ބިދޭސީ މީހާ މަންކީޕޮކްސްއަށް ނެގެޓިވް

މަންކީޕޮކްސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ބިދޭސީ މީހާ އަށް ޖެހިފައިވަނީ އެ ބަލި ނޫން ކަމަށް ނިންމައިފި އެވެ.

މަންކީޕޮކްސްއަށް ޝައްކު ވުމުން ބިދޭސީ މީހާ ހުރީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަރަންޓީން ކޮށްފައެވެ. ހެލްތް މިނިސްޓްރީން ބުނީ މަންކީޕޮކްސްއަށް ޝައްކު ކުރެވުނު ކޭސްއާ ގުޅިގެން ކްލިނިކަލް ޓީމުން އިވެލުއޭޓް ކުރުމަށްފަހު ނިންމާފައިވަނީ އެމީހާގެ ގައިން ފެނިފައިވަނީ މަންކީޕޮކްސްގެ ސިފައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މީހާ ހޮސްޕިޓަލުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް މި މަހުގެ 24 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ބުނެފައެވެ. މަންކީ ޕޮކްސް މިހާތަނަށް 72 ގައުމަކުން ވަނީ ފެނިފައެވެ. އަދި 14،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައެވެ. ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދީންގެ މެދުގައިވެސް މަދު މަދުން މި ބަލި ދަނީ ފެތުރެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރީން ބުނި ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ. މަންކީޕޮކްސް އަކީ މީގެ ކުރިން ބައްރުތަކަށް ފެތުރިގެންފައިވާ ބައްޔެވެސް ނޫނެވެ. މި ބަލީގެ އާންމު ވެއްޓަކީ އެފްރިކާ ބައްރެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް ޔޫރަޕްގެ ގިނަ ގައުމުތަކުން މިބަލި ވަނީ ފެނިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައި ވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުނަށް މިހާރު މިއޮތީ ފޯރާފަ އެވެ. މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

މަންކީޕޮކްސްއަށް ޚާއްސަ ވެކްސިނެއް، ފަރުވާއެއް އަދި ނެތެވެ. އެހެން ނަމަވެސް 2003 ގައި، މި ބަލި ފުރަތަމަ ފެތުރިގަތް ދުވަސްވަރު އެމެރިކާއިން ވަނީ ސްމޯލްޕޮކްސް -- ކަށިވިދުރި އަށް ބޭނުންކުރި ވެކްސިން، "ޖޭނެއޯސް" ބޭނުން ކުރަން ފަށާފަ އެވެ. މަންކީޕޮކްސްއަށް ބޭނުން ކުރެވޭ ވަގުތީ ފަރުވާއެއް ގޮތުގައި ޖޭނެއޯސްއަށް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި ސްމޯލްޕޮކްސް އާއި ކައުޕޮކްސްއަށް ފަރުވާދޭން ބޭނުންކުރި "ޓެކޯވިރީމާ" ވެސް ވަނީ މަންކީޕޮކްސްއަށް ފަރުވާދޭން ބޭނުން ކުރަން ފަށާފަ އެވެ.