މަންކީޕޮކްސް

މަންކީޕޮކްސް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތް އިމާޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށެވެ.

އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަ ގޮތެއްގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް މީހުން ސަމާލުވުމަށް ވަނީ އެދިފައެވެ.

މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.

މަންކީ ޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް

  • ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުން
  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ޖެހުން
  • ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުން
  • މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮތުން

އެޗްޕީއޭ އިން މިރޭ ބުނީ މަންކީ ޕޮކްސް ފެތުރެން ފެށުމުން ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތް މޮނިޓާކޮށް ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައްޔަށް ސިއްހީ ހިދުމަތްތެރީން އަހުލުވެރި ކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އަދި ސާވެއިލެންސް ހަރުދަނާ ކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާއެކު ވެކްސިނާއި ބޭސް ލިބޭނެ ގޮތްވެސް ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މަންކީ ޕޮކްސް އަލާމަތްތައް

  • ހުން އައުން
  • ގައިގައި ރިއްސުން
  • ގޮށްލުން
  • ހަމުގައި ބިހި ނެގުން (ގިނައިން ފެންނަނީ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް އަދި އަނގައިގެ ވަށައިގެން ބިހި ނެގުން)
  • ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށް ފަހު ފެންފޮޅަށްވެ ފޮޅު ފަޅައިގެން ގޮސް ކުރަލުން

މަންކީ ޕޮކްސް މިހާތަނަށް 72 ގައުމަކުން ވަނީ ފެނިފައެވެ. އަދި 14،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައެވެ. ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދީންގެ މެދުގައިވެސް މަދު މަދުން މި ބަލި ދަނީ ފެތުރެމުންނެވެ.