ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކުޑަކުދިންނަށް ދޭ ބޭހަކަށް ސަމާލުވާން އެދިއްޖެ

ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހުރުމުން އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ކުޑަކުދިންނަށް ދޭ ސިރަޕްތަކެއްގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް މީގެ ކުރިންވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އެލާޓް ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެ އިދާރާ އިން މިއަދު ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފޮނުވި އިތުރު އެލާޓެއްގައި، އިންގްލެންޑުގެ ފްރެކެން އިންޓަނޭޝަނަލްގައި އުފައްދައި، ކެމަރޫންގައި ދައުރުވަމުންދާ "ނޭޗަކޯލްޑް" ކިޔާ ކުޑަކުދިންގެ ސިރަޕެއްގައިވެސް މި މާއްދާ ހުރި ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

މިއީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް)ގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓު ވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށްވެސް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.